އަންނަން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވާނެ ކެންޑިޑޭޓު ނިންމުމަށް ބޭއްވި ޕްރައިމަރީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކާމިޔާބުކުރެއްވައިފިއެވެ.
އެމްޑީޕީގެ ފާއިތުވި ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަލީ ވަހީދު އެ މަޤާމުން ވަކިކުރީ އެ މިނިސްޓްރީގެ ގިނަ އަންހެން މުވައްޒަފުންތަކެއް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކޮށް، އޭނާ އެމީހުންނަށް ޖިންސީ އަނިޔާކުރިކަމަށް ތުހުމަތުކުރުމާ ގުޅިގެންނެވެ.
އެ މައްސަލާގައި އަލީ ވަހީދު މަޤާމުން ވަކިކޮށް ފުލުހުން ތަހުގީގެއް ހިންގައި ދައުވާކުރަން ފޮނުވައި، ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް އުފުލިއެވެ.
އެ ދައުވާތައް އުފުލާފައިވަނިކޮށް ކޯޓުންވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އޭނާއަށް ދީފައެވެ. އެއާއެކު އިނގިރޭސިވިލާތަށް ވަޑައިގެން އެ ޤައުމުގައި ގިނަ ދުވަސްތަކެއް އަލީ ވަހީދު ދިރިއުޅުއްވިއެވެ. އޭނާ ރާއްޖެއަށް އަނބުރާ ވަޑައިގަތީ އެއިރު އުފުލި ހުރިހާ ދައުވާއެއް އަނބުރާ ގެނައުމުންނެވެ.
ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިގެން ކޯޓަށް އޭނާ ހާޒިރުވެވަޑައިނުގެންނެވި މައްސަލާގައި އެ ކޯޓުން އޭނާގެ މައްޗަށް ހުރުމަތްކެނޑި ކަމުގެ ކުށް ސާބިތުވާ ކަނޑައަޅައި ޖަލަށްލާން ހުކުމްކުރިއެވެ. ނަމަވެސް ފަހުން ކޯޓުންވަނީ އެ ހުކުމް ބާތިލުކޮށްފައެވެ.
ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގައި ހުންނެވުމަށްފަހު އިންތިޚާބަށްފަހު އަލީ ވަހީދުވަނީ އެމްޑީޕީއަށް އަނބުރާ ވަޑައިގެންފައެވެ. އޭނާ އެންމެ ފުރަތަމަ އެމްޑީޕީއާ ގުޅިވަޑައިގަތީ ކުރީގެ ޑީއާރުޕީ ޓިކެޓުގައި ތޮއްޑޫ ދާއިރާއަށް އިންތިޚާބުވެވަޑައިގަތުމަށްފަހު، އެ ޕާޓީ ދޫކުރައްވައެވެ.
އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ލީޑާޝިޕު ފެންވަރުގައިވެސް އަލީ ވަހީދު މަސައްކަތްކުރެއްވިއެވެ. އެގޮތުން އޭނާވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަޤާމުވެސް އަދާކުރައްވާފައެވެ.