އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފިއެވެ.
ޕަހަލްގަމްއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް އަމާޒުކޮށް އިއްޔެ ދިން ބަޑީގެ ހަމަލާތަކެއްގައި 26 މީހަކު މަރުވެފައިވާއިރު މަދުވެގެން 36 މީހުން ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުންގެ ހާލަތު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމަލާ ކުށްވެރިކުރައްވައި މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޕަހަލްގަމްގައި ދިން ޓެރަރިޒަމްގެ ހަމަލާގައި ބަޔަކު މަރުވެ، ޒަހަމްވެފައިވާ ހަބަރުން ސިހުން ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމާ މެދު ހިތާމަފުޅު ކުރައްވާ ކަމަށެވެ.
ހަމަލާގައި މަރުވި އަދި ނިޔާވި މީހުންނާއި އެ މީހުންގެ އާއިލާތަކާ އެކުވާ ކަމުގައި ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޓެރަރިޒަމާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ސާބިތުވެ އޮތް ކަމަށް ވިދާޅުވެފައެވެ.
މި ހަމަލާއިން ކަޝްމީރުގެ ފަތުރުވެރިކަމަށް ކުރާނެ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވުން ފާޅުކުރެވެމުންދާއިރު، ސަލާމަތީ ބާރުތަކުން ދަނީ ސަރަޙައްދުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންނެވެ.