ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަލީ ވަހީދަކީ ޖިންސީ ފުރައްސާރައާއި ރޭޕުގެ ތުހުމަތުވާ ކެންޑިޑޭޓަކަށްވާތީ އެ ޕާޓީގެ މުޝީރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފިއެވެ.
އަލީ ވަހީދަކީ ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުރިއިރު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވެގެން ވަޒީފާއިން ވަކިކޮށް ދައުވާ އުފުލާފައިވާ މީހެކެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައިވަނިކޮށް އެ މައްސަލައިގެ އަޑުއެހުންތައް ފެށިގެން ކުރިއަށްދިނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކުރިމިނަލް ކޯޓުން އަލީ ވަހީދަށް ދިނުމުން، އެއިރުގެ ސަރުކާރުގެ އެހީތެރިކަމާއެކު އޭނާ ރާއްޖެއިން ފުރައިގެން އިނގިރޭސިވިލާތަށް ދިޔައެވެ.
އިނގިރޭސިވިލާތުގައި ހުރެ އޮންލައިންކޮށް ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން އަލީ ވަހީދު ބުނެފައިވަނީ އޭނާގެ އަތުގައި އެއިރުގެ ސަރުކާރުގެ އިސްވެރިންގެ ކޮރަޕްޝަނާ ގުޅުންހުރި ހެކިތައް އެބަހުރި ކަމަށެވެ. ޚާއްޞަކޮށް ރައީސް އިބްރާހީމަށް ބޮޑެތި ތުހުމަތުތަކެއް އަލީ ކުރިއެވެ.
އެ ތުހުމަތުތައް އަމާޒުކޮށްފައިވަަނިކޮށް އަލީ ވަހީދާ ދެކޮޅަށް ހެކިބަސްދިން މީހުން އަނބުރާ ހެކިބަސް ގެނައުމާއެކު ދައުވާ ކުރިއަށްގެންދެވެން ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލުގެ އޮފީހުން ނިންމިއެވެ. އަދި އެ ދައުވާތައް އަނބުރާ ގެނެސްފައިވެއެވެ.
ދައުވާތައް އަނބުރާ ގެންގޮސް އިތުރު ދައުވާއެއް ނުކުރާނެކަމުގެ ޔަގީންކަން ލިބުމުން އަލީ ވަހީދު ރާއްޖެއަށް އައިސް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގައި އުޅުމަށްފަހު ފަހުން އެމްޑީޕީއަށް ތާއީދުކޮށް ރައީސް އިބްރާހީމުގެ ކެމްޕެއިނުގައި އުޅުނެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓު އަލީއަށް ކާމިޔާބުވެފައިވަނިކޮށް އަލީއާ ދެކޮޅަށް ފުލުހުންގެ ތަހުގީގަށް ހެކިބަސްދިން އަންހެނުންގެ ހެކިބަސްތައް މީސްމީޑިއާގައި އާންމުވެފައިވެއެވެ. އެ ހެކިބަސްތަކުން އެ އަންހެނުންނަށް ޖިންސީ ފުރައްސާރަކޮށް އެއިން ބައެއް އަންހެނުން ރޭޕުކުރިކަމަށް ތުހުމަތުވެފައިވެއެވެ.
އެ ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް އިބްރާހީމާ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ އެ މައްސަލަ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށެވެ.
އަލީ ވަހީދުގެ ޝިކާރައަކަށްވީ އަންހެނުންގެ ހެކިބަސްތައް އާންމުވެފައިވާއިރު އޭނާގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންފައިނުވެއެވެ. އެމްޑީޕީގެ ކެމްޕެއިނުގައި ރައީސް އިބްރާހީމުވަނީ ހދ.އަތޮޅަށް ވަޑައިގެން ރަށްރަށުގައި ކެމްޕެއިން ކުރައްވާފައެވެ. އެގޮތުން ހދ.ހަނިމާދޫއާއި، އެނޫންވެސް ބައެއް ރަށްތަަކަށް ވަޑައިގެންފައިވެއެވެ.
އަލީ ވަހީދަށް ކެމްޕެއިން ކުރައްވަން ވަޑައިގަންނަވަން ބޭނުންފުޅުނުވުމުގެ އިތުރަށް ކުޅުދުއްފުއްޓަށް ރައީސް އިބްރާހީމު ވަޑައިނުގަންނަަވާ ދެވަނަ ސަބަބަކީ އެ ސިޓީގެ އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ޔާސިރު އަބްދުއްލަތީފާ ގާތް ގުޅުމެއް ނެތުމެވެ.
ޔާސިރަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ދެބަސްވުމުގެ ތެރެއިން ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމަށް އެމްޑީޕީން ވަކިވެވަޑައިގެންނެވި 13 މެންބަރުންގެ ތެރެއިން އެއް މެންބަރެވެ.
ފާއިތުވި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައިވެސް ރައީސް އިބްރާހީމު ކުޅުދުއްފުށީގައި ކެމްޕެއިން ހަރަކާތެއް ބާއްވަވާފައިނުވެއެވެ. ކެމްޕެއިނުގައި ކުޅުދުއްފުށީ ބަނދަރުމަތީގައި ހުންނެވުމަށްފަހު ރަށުތެރެއަށް ވަޑައިގެން ފާބައިވަޑައިގަތީއެވެ.