Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އަލީ ވަހީދުގެ ރައްދު ފައްޔާޒް ފެކްޝަނަށް: ތުހުމަތު ނެތް ބޭފުޅުންނާ ޕާޓީ ހިންގުން ހަވާލުކުރޭ!

ލެޕްޓޮޕެއް ވަގަށް ނެގުންފަދަ ބޮޑެތި ތުހުމަތުތަށް ކުރެވިފައިވާ ފަރާތްތައް ޕާޓި ހިންގުމުން ދުރުވެ، ތުހުމަތެއް ނެތް ސާފު ފަރާތްތަކާއި ޕާޓީ ހިންގުން ހަވާލުކުރުމަށް ގޮވާލައި އެމްޑީޕީގެ ފައްޔާޒް ފެކްޝަނަށް އަލީ ވަހީދު ހޫނު ރައްދެއް ދީފިއެވެ.

އަލީ ވަހީދު ސޯޝަލްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ "ލެޕްޓޮޕާއި ވައްކަމުގެ ތުހުމަތު އޮތް ބޭފުޅުން ޕާޓީ ތަމްސީލުކުރުމުން ޕާޓީއަށް ޑެމޭޖް ވާކަމަށް އެފަދަ ބޭފުޅުން ވިދާޅުވާ ކަހަލަ ސުރުޚީތައް ފެނުމީ ނުހަނު ހެޔޮ ފާލެއް ކަމަށާއި މިސާލު ދައްކަވައި މަޤާމްތަކުން ދުރަށް ވަޑައިގެން ތުހުމަތެއް ނެތް ސާފު ބޭފުޅުންނަށް ޕާޓީ ހިންގުން ހަވާލުކުރައްވުމަށެވެ."

އަލީ ވަހީދުގެ މިރައްދު އަމާޒުވަނީ އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހިމް ވަހީދު (އިބުރޭ) އަށެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އަލީ ވަހީދު ބައިވެރިވުމުން އެކަމާ ހިތްހަމަނުޖެހޭކަން ފާޅުކޮށް "އިބުރޭ" އެމްޑީޕީގެ ޤައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕުގައި ބުނެފައިވަނީ ޕާޓީގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓުން ޕާޓީއަށް ގެއްލުންވާ ޕޯސްޓްތައް ނުކުރުމަށެވެ. އަދި އިބުރޭއަށް ރައްދު ދިނުމުގެ ގޮތުން ޝާހިދު ވަނީ އޭނާ އެކި ފަރާތްތަކާއި ބައްދަލުކުރަންދާއިރު ގެންދަންޖެހޭ މީހުން ނިންމަންޖެހެނީ ޕާޓީގެ ސެކްރެޓޭރިއަޓްއިންތޯ ސުވާލުކުރައްވާފައެވެ.

ޖިންސީ ފުރައްސާރައާއި ރޭޕްގެ ތުހުމަތުތަކެއް ކުރެވި ދަޢުވާގެ މަރުހަލާގައި އޮއްވާ ޕީޖީން ދަޢުވާ އަނބުރާ ގެންގޮސްފައިވާ އަލީ ވަހީދު ވަނީ މިއަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކޮށްފައެވެ. އަލީ ވަހީދަށް އެމްޑީޕީގެ ޓިކެޓް ދީ އޭނާގެ ކެންޕޭނުގައި ރައީސް އިބްރާހިމްއާއި ލީޑާޝިޕުން ހަރަކާތްތެރިވެފައިވާތީ އެމޑީޕީގެ ޢާއްމު މެންބަރުންގެ ނުރުހުން ވަނީ އެބޭފުޅުންނަށް އިންތިޚާބުގެ ދުވަސްވަރުގައިވެސް ކުރިމަތިވެފައެވެ.

ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އިބުރޭ އަކީ 2 ފަހަރެއްގެ މަތީން ވައްކަމުގެ މައްސަލަތައް ސާބިތުވެފައިވާ މީހެކެވެ. އެގޮތުން 1998 ވަނަ އަހަރު ކޮމްޕިއުޓަރެއް، އަދި 2001 ވަނަ އަހަރު ލެޕްޓޮޕެއް ވަގަށް ނަގައި އެމައްސަލަތައް ސާބިތުވިއެވެ.މި 2 ފަހަރުވެސް އޭނާ ވަނީ އަދަބެއްގެ ގޮތުން އަރުވާލާފައެވެ.

އެމްޑީޕީގެ އެތެރޭގައި ފެކްޝަން އުފެދި ކޯޅެން ފަށާފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޓިކެޓް ހޯދުމުގެ ބޭނުމުގައި ފައްޔާޒް އާއި ޝާހިދުއާއި ދެމެދުއެވެ. މި ދެބޭފުޅުން ގެންދަވަނީ ވަކި ދެ ފެކްޝަނެއް އުފައްދަވައި ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި މިދެބޭފުޅުންގެ ފެކްޝަންތަކުގެ މެންބަރުންގެ މެދުގައި ދަނީ ސޯޝަލްމީޑިއާގައިވެސް ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންނެވެ.

މި ލިއުމާއި ގުޅޭ