Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަބްސިޑީ

ސަބްސިޑީއަށް ކުރި ހޭދަ ބޮޑުތަނުން މަދުވެއްޖެ

ދައުލަތުގެ ބަޖެޓުން މި އަހަރު ސަބްސިޑީއަށް ކުރި ހޭދަ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހަތަރު ބައިކުޅަ އެއް ބަޔަށް ވުރެ މަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، 17 އޭޕްރީލްގެ ނިޔަލަށް އެކި ފަރާތްތަކަށް ދޭ އެހީ އާއި ސަބްސިޑީގެ ބަޔަށް ހަރަދުވެފައި ވަނީ ޖުމްލަ 2.79 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެކަމަށް ޖުމްލަ 2.8 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

  • އެހީ އާއި ސަބްސިޑީ:
  • • އާސަންދަ: 670.7 މިލިއަން ރުފިޔާ (މިދިޔަ އަހަރު 554 މިލިއަން ރުފިޔާ)
  • • ސަބްސިޑީ: 986.9 މިލިއަން ރުފިޔާ (މިދިޔަ އަހަރު 1.22 ބިލިއަން ރުފިޔާ)
  • • ކައުންސިލްތަކަށް: 537.8 މިލިއަން ރުފިޔާ (މިދިޔަ އަހަރު 563.4 މިލިއަން ރުފިޔާ)

މި ހަރަދުތަކުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ސަބްސިޑީއަށް ކުރި ހޭދަ ވަނީ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއް ބަޔަށް ވުރެ މަދުވެފައެވެ. އޭގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުގެ ސަބަބުން، ތެޔޮ އެތެރެކުރަން ދޭ ސަބްސިޑީއަށް ކުރި ހޭދަ ދަށްވުން ކަމަށް ފިނޭންސުން ބުނެއެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ދައުލަތުގެ ޖުމުލަ ރިކަރަންޓް އަދި ކެޕިޓަލް ހަރަދު ވަނީ 25.3 އިންސައްތައިން ދަށްކުރެވިފައެވެ. އެގޮތުން 2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން، 17 އެޕްރީލްގެ ނިޔަލަށް ހިނގާފައިވަނީ 19.3 އިންސައްތައެވެ. މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދުގެ 92.2 އިންސައްތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާއިރު، 7.8 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.

މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށް، މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 29.3 އިންސައްތަ، 17 އެޕްރީލްގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފައެވެ. އެގޮތުން، މިހާތަނަށް ލިބިފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 77.1 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާއިރު، ޓެކްސް ނޫން އާމްދަނީގެ ޙިއްސާއަކީ 22.3 އިންސައްތައެވެ. އެގޮތުން، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ މިވަނީ 5.4 އިންސައްތައިން އިތުރުވެފައެވެ.

މި ލިއުމާއި ގުޅޭ