ޣައްޒާ ސިޓީގައި ހުރި ސްކޫލަކަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން އަލިފާން ރޯވެ، މަދުވެގެން 10 މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އަލިފާނުގައި އަނދައިގެން ދިޔަ ކުޑަކުއްޖެއްވެސް ހިމެނެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، އިއްޔެ ދިން ހަމަލާތަކުގައި އެކަނިވެސް ފަލަސްތީނުގެ 32 މީހުން ޝަހީދުވެފައިވެއެވެ. އަދި ޣައްޒާ ސިޓީގައި ހުރި އެލް ދޮރާ ކުޑަކުދިންގެ ހޮސްޕިޓަލަށް ގެއްލުން ލިބި، އެސިޓީގެ އެކި ސަރަހައްދުތަކުގައި ސަލލާމަތްކުރުމުގެ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތައް ހަލާކުވެފައިވެއެވެ.
ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އަލް ތާނީ ވިދާޅުވެފައިވަނީ ޣައްޒާގެ ހަނގުރާމަ ނިންމުމަށްޓަކައި މެދުވެރިންނާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.
މީގެ 18 މަސްދުވަސް ކުރިން ފެށުނު މި ހަނގުރާމާގައި މިހާތަނަށް ފަލަސްތީނުން މަދުވެގެން 51،266 މީހުން ޝަހީދުވެފައިވާ ކަމަށް ކަށަވަރުވެފައިވެއެވެ. އަދި 116،991 މީހުންނަށް އަނިޔާވެފައިވެއެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން އަޕްޑޭޓްކޮށްފައިވާ މަރުވި މީހުންގެ އަދަދަކީ 61،700 އެވެ. މީގެ ތެރޭގައި ވެއްޔާއި ސިމެންތިކޮޅުތަކުގެ ދަށުގައި ގެއްލިފައިވާ އެތައް ހާސް މީހުން ހިމެނެއެވެ.