Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ވަހީދު

އަލީ ވަހީދު ހައްޔަރުކުރީ ގޯސްކޮށް ކަމަށް އިނގިރޭސިވިލާތުން ނިންމައި، 20،000 ޕައުންޑުގެ ބަދަލެއް ދެނީ

ފަތުރުވެރިކަމާ ބެހޭ ކުރީގެ ވަޒީރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ދައުވާތައް އުފުލާފައިވަނިކޮށް އިނގިރޭސިވިލާތަށް ވަޑައިގެން އެ ޤައުމުގައި ހުންނަވަނިކޮށް އެ ޤައުމުން އޭނާ ހައްޔަރުކުރީ ޤާނޫނާ ޚިލާފަށްކަމަށް އެ ޤައުމުން އެއްބަސްވެ 20،000 ޕައުންޑުގެ ބަދަލެއް ދިނުމަށް ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރެއްވިކަމަށް ތުހުމަތުވުމާ ގުޅިގެން އަލީ ވަހީދު މަޤާމުން އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަކިކުރެއްވިއެވެ. އަދި އޭނާގެ މައްޗަށް ޖިންސީ ކުށުގެ ތުހުމަތުގައި ގިނަ ދައުވާތަކެއް ދައުލަތުން އުފުލިއެވެ.

އެ މައްސަލާގައި އޭނާގެ އެކުވެރިޔާ އަސްހަދު އަލީ ޖާމިނުކުރެއްވުމަށްފަހު، ބޭސްފަރުވާއަށް ކަމުގައި ވިދާޅުވެ ރާއްޖެ ދޫކުރައްވައި އަލީ ވަހީދު ފުރާވަޑައިގަތެވެ. އެއަށްފަހު އޭނާގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންނަން ޕީޖީ އޮފީހުން ނިންމަންދެން އޭނާ އުޅުއްވީ އެ ޤައުމުގައެވެ.

ދައުވާތައް އަނބުރާ ގެނައުމާއެކު ރާއްޖެއަށް ވަޑައިގެން އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ދިވެހިރާއްޖެއިން އުފުލި ދައުވާތަކާ ގުޅިގެން ބަދަލު ހޯއްދަވަން ދައުވާނުކުރެއްވި ނަމަވެސް އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ޤާނޫނާ ޚިލާފަށް އެ ޤައުމުން އޭނާ ހައްޔަރުކުރި މައްސަލާގައި ބަދަލު ހޯއްދަވަން އެ ޤައުމުގެ ސަރުކާރުގެ މައްޗަށް ދައުވާކުރައްވާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި އޭނާ ހައްޔަރުކުރީ 22 އޯގަސްޓު 2021 ގައި އެ ޤައުމުގެ އިމިގުރޭޝަން ޤާނޫނުތަކާ ޚިލާފުވިކަމަށް ތުހުމަތުކޮށެވެ. ވަގުތީ ގޮތުން ބަންދެއްގައި ބެހެއްޓުމަށްފަހު އެ ޤައުމުން އޭނާ ދޫކޮށްލިއެވެ.

އެ މައްސަލާގައި އޭނާގެ ޤާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޤާނޫނާ ޚިލާފަށް އަލީ ވަހީދު ހައްޔަރުކުރި މައްސަލާގައި އިނގިރޭސި ސަރުކާރުގެ މައްޗަށް ދައުވާކުރުމުގެ ކުރިން އެ ޤައުމުގެ ސަރުކާރާ ބައްދަލުކޮށް މަޝްވަރާކުރުމުން އޭނާ ހައްޔަރުކުރީ ޤާނޫނާ ޚިލާފަށް ކަމުގައި އެއްބަސްވެ އިނގިރޭސި ސަރުކާރުން މައާފަށް އެދިފައިވާ ކަމަށެވެ.

"ގާނޫނާ ހިލާފަށް އެގައުމުގެ ފުލުހުން މެދުވެރިކޮށް އަޅުގަނޑުމެންގެ މުވައްކިލު އަލީ ވަހީދު ހައްޔަރުކުރުމުގެ އަަމަލަށް އިނގިރޭސި ސަރުކާރުގެ ފަރާތުން މައާފަށް އެދިފައިވުމުގެ އިތުރުން ހައްޔަރުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި20،000 ސްޓާލިން ޕައުންޑް އޭނާއަށް ދިނުމަށް ވެސް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ވާހަކަ ވެސް ފާހަގަކުރަމެވެ." އަލީ ވަހީދުގެ ވަކީލުން ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ