ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މީހަކަށް ދޫކޮށްފައިވާ ލޯނުގެ ފައިސާ އަނބުރާ ދައްކާފައި ނުވާތީ، ރަހުނުކޮށްފައިވާ ފްލެޓެއް ނީލަމުގައި ވިއްކާލަން އެ ކުންފުނިން ހުޅުވާލައިފިއެވެ.
އެ ކުންފުނން ވިއްކަން ހުޅުވާލާފައި ވަނީ ހުޅުމާލެ ނަންބަރު 10661 (ވޯޓާލިލީ އެޕާޓްމަންޓްސް) ގެ ފްލެޓް ނަންބަރު 01-03 ފްލެޓެވެ. ފްލެޓު ގަތުމަށް ބީލަމުގައި ހުށަހެޅޭނެ އެންމެ ދަށް އަގަކީ 1.7 މިލިއަން ރުފިޔާ ކަމަށާއި، މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ނިޔަލަށް، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެ ކުންފުނީގެ ވެބްސައިޓާއި ނޯޓިސް ބޯޑުގައި ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު ފެންނަން ހުންނާނެ ކަމަށާއި، ނީލަން ނިންމާލާނީ ވިދިވިދިގެން ތިން ދުވަހު، އެއް އަގެއް އޮތުމުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ނީލަން ނިންމުމަށް ކުންފުނިން ކަނޑައަޅައިފިކަން އަންގާ ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ އަގަށްވާ ފައިސާ ނުދައްކައިފި ނަމަ، އެ ހުށަހެޅުން ބާތިލުކޮށް، ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާތިލުކޮށް އަލުން ފެށުމުގެ ހައްގު ކުންފުންޏަށް ލިބިގެންވެއެވެ.
ފްލެޓް ގަތުމަށް ވަކި ފަރާތަކުން ފައިސާ ދެއްކުމުގެ ކުރިން އިމާރާތުގެ ވެރިފަރާތުން އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ނުދައްކާ ހުރި ފައިސާ ދައްކަން ބޭނުންވާ ނަމަ، އެފަރާތަށް އިސްކަންދޭނެ ކަމަށް ވެސް އެޗްޑީއެފްސީން ވަނީ ބުނެފައެވެ.