Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންވެސްޓުކުރުން

އައްޑޫގައި 500 އަށްވުރެ ގިނަ ސްމާޓު ހައުސް އެޅުމަށާއި، 6 އެއާޕޯޓު ތަރައްޤީކުރަން ޔޫއޭއީ ކުންފުންޏަކުން ހުށަހަޅައިފި

އައްޑޫ ސިޓީގައި 500 އަށްވުރެ ގިނަ ސްމާޓު ހައުސް އެޅުމަށާއި، 6 އެއާޕޯޓެއް ތަރައްޤީކުރުމަށް ޔުނައިޓެޑް ޢަރަބިކް އެމިރޭޓްސްއަށް ނިސްބަތްވާ ކުންފުންޏަކުން ސަރުކާރަށް ޕްރޮޕޯޒަލްތަކެއް ހުށަހަޅާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އިއްޔެ ބޭއްވި އިންވެސްޓުމެންޓު ފޯރަމަށްފަހު ދިވެހި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޔޫއޭއީގެ ފުރަތަމަ ޚާރިޖީވަޒީރު އަޙްމަދު ބިން ޚަލީފާ އައްސުވައިދީގެ އާއިލީ ވިޔަފާރިއެއްކަމަށްވާ ޔުނައިޓެޑް ސްޓާސް ގުރޫޕުގެ ސީއީއޯ ނިޕުނާ ވަހަލަތަންތަރިގެ ވިދާޅުވީ އޭނާގެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏަކުން ރާއްޖޭގައި 6 އެއާޕޯޓެއް ތަރައްޤީކުރުމަށް ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ޕްރޮޕޯޒަލެއް ހުށަހަޅައި އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އަދި އެއާއެކު ރާއްޖޭގައި ޑްރޯން ބޭނުންކުރުމަށްޓަކައި ބޭނުންވާ ޔޫޓީއެމް ނުވަތަ ޔުނިވާސަލް ޓްރާންސްވާސް މާކޭޓާ ކޯޑިނޭޓް ސިސްޓަމް ރާއްޖޭގައި ޤާއިމުކުރުމުގެ މަޝްވަރާތައް ރީޖަނަލް އެއާޕޯޓްސް ކުންފުންޏާއި ޓުއަރިޒަމް މިނިސްޓްރީއާއެކު ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ޓެކްނޮލޮޖީ އީޖާދުކުރި ސުވިޑެންގެ ކުންފުނީގެ މަންދޫބުންވެސް އިއްޔެ އޮތް ފޯރަމުގައި ބައިވެރިވެފައިވާ ކަމަށެވެ.

އޭގެއިތުރަށް އެޗްޑީއެފްސީ މެދުވެރިކޮށް އައްޑޫގައި ހައުސިން މަޝްރޫޢެއް ހިންގުމަށް ބޭނުންވާ ފަންޑިން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ވާހަކަދައްކަވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަހަލަތަންތަރިގެ ވިދާޅުވި ގޮތުގައި އައްޑޫގައި އަޅަން ނިންމާފައިވާ ހައުސިން ޔުނިޓުތައް އެޅުމަށް ބޭނުންވާ ފައިސާ އޭނާގެ ކުންފުނިން ގެނެސްދެނީ ސަރުކާރަށް ބުރަ އެންމެ ކުޑަވާނެ ގޮތެއް ބަލައިގެން ކަމަށެވެ. އެގޮތުން އެ ފައިސާ ހަމަޖައްސަނީ އޭގެ ބަދަލުގައި ސަރުކާރުން ކޮލަޓެރަލްއެއް ދޭންނުޖެހޭނެ ގޮތަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މަޝްރޫޢަށް އެ ކުންފުނިން ފޯރުކޮށްދޭ ފައިސާ އަނބުރާ ދެއްކުން 20 އަހަރަށް ދަންމައިލެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 504 ސްމާޓު ހައުސް ބިނާކުރުމަށްޓަކައި 100 މިލިއަން ޑޮލަރު ފޯރުކޮށްދިނުމާމެދު މިހާރުވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.

މީގެ ކުރިންވެސް ވަރަށް ގިނަ ހުށަހެޅުންތައް އިންވެސްޓުކުރުމަށް ހުށަހެޅި ނަމަވެސް އެއިރުގެ ސަރުކާރުން އެ ކުންފުނިން ހުށަހެޅި އެއްވެސް ހުށަހެޅުމަކާމެދު ޝައުޤުވެރިކަމެއް ފާޅުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އައު ސަރުކާރުން އެކަންކަމާމެދު މަޝްވަރާކުރަމުންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި ސަރުކާރުގެ ވަޒީރުން ވަރަށް ބޮޑަށް އިސްނަގައިގެން މަސައްކަތްކުރައްވަމުންދާ ކަމަށެވެ.

މި ލިއުމާއި ގުޅޭ