Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ހިޔާ ޓަވަރުތަކުގައި މިހާރު ހުރި ލިފްޓުތަކުގެ އިތުރަށް ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް، އެ މަސައްކަތް ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށް އެޗްޑީސީން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.
މިއަދު ހިޔާ ޓަވަރު 2 ގައި ބޭއްވި ރަސްމިއްޔާތެއްގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު އަލީ ހައިދަރާއި، އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ފަޒުލް ރަޝީދު ވިދާޅުވީ، ހިޔާގެ 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ހިޔާ ޓަވަރުތައް އިމާރާތްކޮށްފައިވަނީ ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓު ހުންނަ ގޮތަށެވެ. އެއިގެން އެއްވެސް ލިފްޓަކަށް ބަލި މީހުން ސްޓްރެޗާގައި އެރުވޭނެ ޖާގައެއް ނޯވެ އެވެ. އަދި ބާރުބޮޑު ވަގުތުތަކުގައި ލިފްޓުތައް ފުރި، އެޕާޓްމަންޓުތަކަށް ނޭރި އެތައް އިރަކު ކިއުގައި ތިބެންޖެހެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވީ، މިހާރު އަލަށް ހަރުކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ޖާގަ އޮންނާނެ ބޮޑު ލިފްޓެއް ކަމަށެވެ.
ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމަނައިގެން ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރަންޖެހުނީ ބިޔަ ޓަވަރުތަކެއްގައި އެކަށީގެންވާ ވަރަށް ލިފްޓު ނެތުމުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ފަށާ ހައުސިން މަޝްރޫއެއްގައި އެކަންކަމަށް ކުރިންބައިން ރިއާޔަތްކޮށް ފްލެޓުތަކަށް އަރައި ފޭބުމުގައި ލުއިފަސޭހަގޮތް ހަމަޖައްސާނެ ކަމަށެވެ.
މި ލިއުމާއި ގުޅޭ