Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިހުސާން

ސިޔާސީ ނުފޫޒު ފުލުހުންނަށް ފޯރުވާނަމަ އެމްޑީޕީގެ ވެރިން މިހާރު ތިބޭނީ ޖަލުގަ: އިހުސާން

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ޖިނާޢި ތަހުޤީޤުތަކަށް ސިޔާސީ ނުފޫޒު ފޯރުވާނަމަ އެމްޑީޕީ ސަރުކާރުގެ ހުރިހާ އިސްވެރިން މިހާރު ތިބޭނީ ޖަލުގައި ކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖީލީހަށް ހުށަހެޅިފައިވާ މިނިސްޓަރު އިހުސާނުގެ އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު އިހުސާނުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލާގައި އޭނާގެ މައްޗަށް ކުރާ އެއް ތުހުމަތަކީ ފުލުހުންގެ ފަރާތުން ހިންގާ ޖިނާޢީ ތަހުޤީޤުތަކަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށެވެ.

އިހުސާނު ވިދާޅުވީ އެ ތުހުމަތަކީ ތާކުންތާކުޖެހޭ ވާހަކައެއްނޫން ކަމަށާއި އޭނާ ސިޔާސީ ނުފޫޒު ފޯރުވާނަމަ އެމްޑީޕީ ސަރުކާރުގެ ހުރިހާ އިސްވެރިން ތިބޭނީ ޖަލުގައި ކަމަށެވެ. އަދި ފުލުހުން ތަހުޤީޤުކުރަމުންދާ މައްސަލަތަކުގައި ގިނައީ ކުރީ ސަރުކާރުގެ މައްސަލަތައް ކަމަށާއި އެބޭފުޅުން މިހާރުވެސް ތިއްބެވީ މިނިވަންކަމާއި އެކުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިއީ ކަނޑައެޅިގެން ތާކުންތާކުޖެހޭ ވާހަކައެއް ނޫން . އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޮރުވާނަމަ، މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައި. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފަރުވާތީ، އެ ބޭބޭފުޅުން މިހާރުވެސް މިނިވަންކަމާ އެއްކޮށް ތިބީ" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިން މިނިވަންކަމާއެކު މިހާރު އެ ތިއްބަވަނީ ކަމެއް ގޯސްކޮށް ނުކުރާތީ ނޫންކަމަށާއި މައްސަލަތަކަށް ސިޔާސީ ނުފޫޒު ނުފޯރުވާތީ ކަމަށެވެ. އަދި ފުލުހުންނަށް ލިބިދީފައި އޮތް ގާނޫނީ ބާރުގެ ތެރެއިން ތަހުޤީޤުތައް މިނިވަންކަމާއެކު ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އަދުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކާއިމެދު ހިންގޭ ޖިނާޢީ ތަހުޤީޤުތަކަށް ހުރަސްއަޅާކަމަށް އިދިކޮޅު މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލާގައި ފާހަގަކޮށްފައިވާކަމަށާއި އެއީ އެއްވެސް ހަޤީޤަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތެއް ނޫންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް މިހާރުވެސް ކުރިއަށްދާކަމަށާއި ނުފޫޒު ފޯރުވާނަމަ އެމައްސަލަތައް ކުރިއަށް ދާނެތޯ މިނިސްޓަރު ސުވާލުކުރެއްވިއެވެ.

"ކަރެކްޝަނަލް ސަރވިސްގެ މައްސަލައާއި، ކަސްޓަމްސްގެ މައްސަލައާއި، އިމިގްރޭޝަން މައްސަލައާއި، ފިއުލް ސަޕްލައިސް މައްސަލައާއި، އެޗް.ޑީ.ސީގެ މައްސަލައާއި، ހައުސިންގ މިނިސްޓްރީގެ ތަޙްޤީޤުތައް މިހާރު ފުލުހުން އެބަ ހިންގާ. މިއީ ސަރުކާރުގެ މުއައްސަސާތަކެއް. މިއީ ސަރުކާރަށް ނިސްބަތްވާ މީހުންނަށް މި ތަންތާ ތިބީ. މި މައްސަލަތައް އަޅުގަނޑު ހުރަސްއަޅާނަމީން އެއްވެސް މައްސަލައެއް ނުހިނގާ ނޫންތޯ" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާނު ވަނީ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައަކީ ތާކުންތާކުނުޖެހޭ މައްސަލައެއްކަމަށް ލިޔެކިޔުންތަކާއި ހެކިތަކުގެ އަލީގައި މިއަދު މަޖިލީހުގައި ހާމަކޮށްދެއްވާފައެވެ. އަދި އެއް އަހަރު ތެރޭގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް އަދަދާއި ތާރީޚުން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ތެރޭގައި ގާނޫނު ތަންފީޒުކުރުވައި، ޤައުމަށް އަމާންކަން ގެންނަމުންދާ ނަމަ، ދާހިލީ ވަޒީރުގެ އިތުބާރު އިދިކޮޅު ފަރާތްތަކަށް އޮންނާނެހެން ހީނުވާކަމަށެވެ.

މި ލިއުމާއި ގުޅޭ