މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ، ފޯމުގައި ހެކިވެރިޔާ ސޮއިކުރަނީ ފޯމުގައި ހިމެނޭ މައުލޫމާތުތަކަށް ހެކިވުމުގެ ގޮތުން ކަމަށާއި، އެހެންކަމުން ފޯމުގެ ވެރިފަރާތް ސޮއިކުރާއިރު ހެކިވެރިޔާ އެތަނުގައި ހުންނާކަށް ނުޖެހޭނެ ކަމަށެވެ.
ޕާޓީތަކަށް ވައްދާ ފޯމު ޑިޒައިންކުރެވިފައި އޮންނަ ގޮތުން ހެކިވެރިޔާއާއި ފޯމުގައި ސޮއިކުރާ ފަރާތް އެކުގައި ތިބެންޖެހޭ ކަމަށް ދޭހަވާ ކަމަށް މެންބަރު ޒިޔާދު ފާހަގަކުރެއްވުމުން މިނިސްޓަރު އިހްސާން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މެންބަރުން ވައްދާތާ ގިނަ ދުވަސްތަކެއް ވީ ނަމަވެސް، މިކަން ކުރަންޖެހޭ ގޮތް އަދިވެސް ސާފުނުވެ އޮތްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މެންބަރުން މިކަން ރަނގަޅަށް ސާފުކުރެއްވުމަށް އެދިވަޑައިގަތެވެ.
މިނިސްޓަރުގެ މި ޖަވާބާމެދު މަޖިލީހުގެ ބައެއް މެންބަރުން ވަނީ ފާޑު ވިދާޅުވެފައެވެ.
މެންބަރަކަށް ވުމާ އެދޭ ފޯމުގައިވާގޮތުން ފޯމުގައި ހިމަނަން ޖެހެނީ ފޯމުގައި ސޮއިކުރިއިރު އެ ހާޒިރުގައި ތިބި ހެކީންގެ މައުލޫމާތެވެ.
ހެކިވެރިޔާގެ އިގްރާރުގައި ބުނެފައިވަނީ "މި ފޯމުގައި ސިޔާސީ ޕާޓީ މެންބަރަކަށް ވުމަށް އެދި ސޮއިކޮށްފައި އެވަނީ އަހަރުމެންގެ ހާޒިރުގައެވެ. އަދި އޭނާ ދީފައިވަނީ ތެދު މައުލޫމާތުކަމަށް އަހުރެމެން ހެކިވަމެވެ." މި އިބާރާތުންނެވެ.
އެހެންވެ މިނިސްޓަރު އިހްސާންގެ ބައިވެރިވުން އޮވެ ފުރާފައިވާ ފޯމުތަކުގެ ސައްހަކަމާމެދު ސުވާލުއުފެދޭކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.