ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް އައު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރައްވާނެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ އެންޑީއޭގެ މަސައްކަތްތައް ހިނގަމުންދާ ގްރީންގެ އިމާރާތަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލެއްވުމަށްފަހު ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
އެންޑީއޭގެ ގިނަ މަސައްކަތްތަކެއް ގްރީންގެ އިމާރާތުގައި ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެއިމާރާތަކީ އެމަސައްކަތްކުރުމަށް އެންމެ އެކަށީގެންވާ އިމާރާތެއް ނޫންކަމަށެވެ.
އަދި އެތަނުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އޮތްކަން ފާހަގަކުރައްވާ މިނިސްޓަރު އިހްސާން ވިދާޅުވީ އިތުރު އިމާރާތެއް އެންޑީއޭއަށް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން އެންޑީއޭއިން ދެމުންގެންދާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށްޓަކައި ގްރީންގެ ހުރި ބިމުގައި އައު އިމާރާތެއް އެޅުމުގެ ވިސްނުން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިތަން ހަދަންޖެހޭނެ ކަމަށް ޤަބޫލުކުރަނީ. ބަޔަކާ ގުޅިގެން ނަމަވެސް ދައުލަތުގެ ބަޖެޓަށް ބުރަ ނުވެ މިތަން ހެދޭތޯ މަސައްކަތްކުރާނަން." މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
ގްރީންގޭގައި އެންޑީއޭ ހިންގަން ފެށީ 2007 ވަނަ އަހަރުއެވެ. އޭގެފަހުން މާބޮޑު މަރާމާތެއް ކޮށްފައިނުވާއިރު މި އިމާރާތް ހުންނަ ބިމުގައި ގާތްގަނޑަކަށް 16 ހާސް އަކަފޫޓު ހުރެއެވެ.