ފޭކް އެކައުންޓް ހަދައިގެން މީހުންނަށް މަރުގެ އިންޒާރުތައް ދެމުން ގެންދާ ކަމަށާއި އެފަދަ އެކައުންޓެއް ހިންގާ މީހަކު އެނގޭ ދުވަހަކުން އެމީހަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އިހްސާން ވިދާޅުވީ ރާއްޖޭގެ މުޖުތަމަޢު ތަރުތީބުވެފައި އޮތް ގޮތުން ފޭކް އެކައުންޓްތައް ހަދައިގެން މީހުންނަށް އިންޒާރު ދިނުމުގެ މައްސަލަ ދުވަހެއް ދުވަހަކަށް މަޑުމަޑުން އިތުރުވަމުން އަންނަ ކަމަށެވެ.
ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މިކަން ޙައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ސޯޝަލް މީޑިއާ މެނޭޖުކުރައްވައި ނުވަތަ އޯނަރޝިޕް އޮންނަ ކުންފުނިތަކާ ގުޅިގެން ވެސް މިމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ފޭކް އެކައުންޓެއް ހަދައިގެން މީހަކަށް އެކަން ކުރުމަށް މި ނަގަނީ ސިކުންތު ކޮޅެއް ކަމަށްވާތީ މައްސަލަ ހައްލު ކުރަން ދަތިތަކެއް އެބަހުރި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑު ޔަޤީންކަން އަރުވާ ކަމަކީ، މިފަދަ މައްސަލައެއްގައި އަޅުގަނޑުމެން ބަލަމުންގޮސް އެއީ ކާކުކަން އިނގޭ ދުވަހަކީ އެ މީހާއާ ދޭތެރޭގައި އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅުގަނޑުމެން އަޅާނެ ދުވަސް. ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މަރުގެ އިންޒާރެއް ދީފި ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން ސީރިއަސްކޮށް އެ މައްސަލަ ބަލަން. އަދި އެ ރައްޔިތަކަށް ސެކިއުރިޓީ އެސެސްމަންޓެއް ހަދާފައި ވަގުތުން ވަގުތަށް ދޭންޖެހޭ ރައްކާތެރިކަން ވެސް އަޅުގަނޑުމެން ފޯރުކޮށްދެން." އިހްސާން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އާއިލާއަށް ލިބޭ އިންޒާރުތަކާއިމެދު އަޅުއްވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިހްސާން ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ މަތިވެރިޔާއަކީ، ރައީސުލްޖުމްހޫރިއްޔާ ކަމަށްވާތީ ދައުލަތުގެ ހުރިހާ އިދާރާއަކުންވެސް ބައްލަވަން ޖެހޭ ކަންކަން ބައްލަވާ ކަމަށެވެ. "ޚާއްޞަކޮށް ސަލާމަތުގައި އޮތުން ބަލަންޖެހޭ ކަންކަން. ރައީސުމްހޫރިއްޔާ ސީދާ ސަލާމަތީ ކަންކަމަށް ޒިންމާ ވާނީ ޑިފެންސް މިނިސްޓްރީން އަޅުގަނޑުމެންނެއް ނޫން. އެހެންނަމަވެސް، ފުލުހުންގެ އިދާރާ ތެރެއިން ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަމުންދަން. އަދި މިފަދަ ތްރެޓެއް އަންނަ ކޮންމެ ފަހަރަކީ އަޅުގަނޑުމެން އިތުރަށް ބަލައި، މައްސަލަ ތަޙުޤީޤުކޮށް، ދިރާސާކޮށް، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެންނާ ސިފައިންނާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރާ ފަހަރުތައް." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މީހަކަށް މަރުގެ އިންޒާރު ދިނުމަކީ "އެހާ ލައިޓް" ކަންކަމުގެ ގޮތުގައި ނަންގަވައިގެން ނުވާނެ ކަމަށެވެ. "އަދި ޖޯކަކަށް ކުރަންވިޔަސް، މަޖަލަކަށް ކުރަންވިޔަސް މިފަދަ ކަންކަން ނުކުރަންވާށޭ. އަޅުގަނޑުމެން ވަކި ހުދޫތަކެއް، ހައްދުތަކެއް ގެންގުޅެންޖެހޭނީ އަޅުގަނޑުމެން ކަންކަން ކުރުމުގައި. މީހެއްގެ ފުރާނައަށް ގެއްލުންދޭ ވާހަކަ ދެއްކުމަކީ މީގެތެރެއިން ބޭރުވުން." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފޭކް އެކައުންޓް ހަދައިގެން އިންޒާރުދޭ ފަރާތްތަކާއި ގާނޫނުތައް އަރައި ހަމަކުރާނެ ކަމަށާއި "އެ ދުވަހަކުން ޚިޔާލު ފާޅުކުރުމަކީ ތިމަންނާގެ ހައްގެއް ކަމަށް ބުނެ ވާހަކަތައް ދައްކައިގެންނުވާނެ." ކަމަށެވެ. "އެ ދުވަހަކުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅުގަނޑުމެން އަޅާނަން." މިނިސްޓަރ ވިދާޅުވިއެވެ.