Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޮޑިޓު އޮފީސް

އެމްޑީޕީ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހަށް ތިން އަހަރު ތެރޭ 40 މިލިއަނެއްހާ ރުފިޔާ ޚަރަދުކުރި

ނިމުނު އެމްޑީޕީ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތް ނަމަވެސް އެ އޮފީހަށް ތިން އަހަރު ދުވަހުގެ ތެރޭ 40 މިލިއަނެއްހާ ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހުގެ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުތަކުން އެނގޭ ގޮތުގައި ތިން އަހަރު ދުވަހުގެ ތެރޭ އެ އޮފީހަށް ދައުލަތުގެ ބަޖެޓުން 39.5 މިލިއަން ރުފިޔާ ރުފިޔާ ޚަރަދުކޮށްފައި ވާއިރު، އޭގެ ތެރެއިން މުވައްޒަފުންގެ މުސާރައިގެ ގޮތުގައި 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދުވަސްވަރު މި އޮފީސް އުފައްދާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެންމެ ފުރަތަމަ އުފެއްދި ނަމަވެސް، 2022 ވަނަ އަހަރު މުއްދަތު ހަމަވި އިރުވެސް ގިނަ އަދަދެއްގެ މައްސަލަތައް ނިންމާފައި ނެތުމުން އެ މުއްދަތު ވަނީ ރައީސް އިބްރާހީމްގެ ވެރިކަމުގެ އެންމެ ފަހު ދުވަސް ކަމުގައިވާ 17 ނޮވެމްބަރު 2023 އަށް އިތުރު ކޮށްފައެވެ.

ފުރަތަމަ ދެ އަހަރު ދުވަހު އެ އޮފީހަށް ޖުމްލަ 489 މައްސަލައެއް ހުށަހަޅާފައިވާއިރު އެ މައްސަލަތަކުގެ ތެރެއިން ނިންމާފައިވަނީ 111 މައްސަލައެކެވެ. މިއީ ޖުމްލަ މައްސަލަތަކުގެ %23 އަށް ވުރެ ވެސް މަދު އަދަދެކެވެ.

ރައީސް އިބްރާހީމް މި އޮފީސް އުފައްދާފައިވަނީ 1953 ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް ގާނޫނުން ބާރުލިބިގެންނެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ވަނީ އުވިފައެވެ.

ކުރީ ސަރުކާރުން އެކުލަވާލި އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅި ގިނަ ފަރާތްތަކަކަށް އިންސާފު ނުލިބިގެން، މި ސަރުކާރުން އެކުލަވާލި ސިވިލް ރައިޓްސް އޮފީހަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބު ވަނީ މީގެކުރިން ވިދާޅުވެފައެބެ.

ގާނޫނުގައި އޮންނަ ގޮތުން ނަމަ، އިންތިގާލީ އޮފީސް އުފައްދާތާ ދެ އަހަރު ދުވަހުގެ ތެރޭގައި އެ އޮފީހަށް ހުށަހެޅޭ ހުރިހާ މައްސަލަތައް ބަލައި ނިންމަން ޖެހޭނެއެވެ.

މި ލިއުމާއި ގުޅޭ