ހދ. އަތޮޅު ކައުންސިލުގެ ބަޖެޓުން ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން، އެއްވެސް ކުރިއެރުމެއް ނުވަތަ ނަތީޖާއެއް ލިބިފައިނުވާ ތަޖުރިބާ ދަތުރެއް ތައިލެންޑްގެ ބެންކޮކަށް ކުރިކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ރިޕޯޓު އާންމުކޮށްފައި ވަނީ ދަތުރުގެ މައުލޫމާތަށް ރިއާޔަތް ނުކޮށް ކަމަށް ބުނެ އަތޮޅު ކައުންސިލުން ނުރުހުން ފާޅުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު އޮޑިޓަރ ޖެނެރަލް އާންމުކުރި އޮޑިޓު ރިޕޯޓުގައި ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އެ އަތޮޅު ކައުންސިލް އިދާރާގެ 14 މެންބަރުންގެ ތެރެއިން 13 މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް އަދި ސީނިއާ މެނޭޖުމަންޓުގެ ހަ މުވައްޒަފުން ހިމެނޭހެން ޖުމްލަ 20 މުވައްޒަފުން 10 ދުވަހުގެ ތަޖުރިބާ އާއި ތަމްރީން ދަތުރެއްގައި ކަމަށް ބުނެ ބެންކޮކަށް ގޮސްފައިވާކަން ފާހަގަކޮށްފައި ވެއެވެ.
މި ދަތުރަކީ ކައުންސިލްގެ މަސައްކަތާ ގުޅުންހުރި ގިނަ ދާއިރާތަކެއްގެ ކަންކަން ފުޅާކޮށް ތަރައްގީކޮށް، ދަތުރަށް ހަރަދުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ސާކިއުލާ "ބަޖެޓު ތަންފީޒްކުރުމާ ގުޅޭ އިރުޝާދު" އާ ޚިލާފަށްކަމަށްވާތީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ހުއްދަނޫން އަމަލެއް ކޮށްފައިވާ ކަމަށް ބެލެވޭތީ، މި ހަރަދުތަކަށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފައެވެ.
އެކަމާ މެދު ނުރުހުން ފާޅުކޮށް ހދ އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ދަތުރުގެ އެއްވެސް މައުލޫމާތަކަށް ރިއާޔަތް ނުކޮށް ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، އާންމުންނާއި މީޑިއާގެ އިތުރުން މުޅި ދައުލަތުގެ ކުރިމަތީގައި އެ ކައުންސިލް ފަލީހަތްވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ހދ އަތޮޅު ކައުންސިލުން ބުނި ގޮތުގައި ބެންކޮކް ދަތުރުން އެ ކައުންސިލަށް އެކަށީގެންވާ މަންފާއެއް ލިބިފައިނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެއްވެސް އަސާސެއް ނެތި، ގާނޫނީ މަސްއޫލިއްޔަތާ ޒިންމާތަކަށް ވެސް ރިއާޔަތްނުކޮށެވެ.
މީގެއިތުރުން އޮޑިޓު ރިޕޯޓުތަކަކީ ގާނޫނާ ގަވާއިދުތަކުގެ އިތުރުން ސުލޫކީ މިންގަނޑުތަކަށް ފެތޭގޮތަށް ޒިންމާދާރުކަމާއެކު، ޖަވާބުދާރީވަނިވި ގޮތެއްގައި އާންމު ކުރާ ރިޕޯޓުތަކަކަށް ވާންޖެހޭނެ ކަން ފާހަގަކޮށް އެ ކައުންސިލުން ބުނީއެ ދަތުރުގައި ބައިވެރިވި ހދ. އަތޮޅުގެ 12 ރަށެއްގެ ރަށު ކައުންސިލުގެ ރައީސުންގެ ބަހެއް ނެތި، އެ ދަތުރަކީ މަންފާއެއް ނެތް ދަތުރެއް ކަމަށް ސިފަކޮށްދޭން މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ.
"ތަމްރީނާއި ތަޖުރިބާ ހޯދަން ބަޖެޓުން ކުރެވުނު ހަރަދުތަކުން ނުކުންނަ ނަތީޖާ އާއި ލިބޭ މަންފާ އިގްތިސޯދީ ނަޒަރަކުން އެކަނި ވަޒަން ކުރާއިރު، އިންސާނީ ތަރައްގީއަކީ ވެސް ތަހުޒީބުވަމުން އަންނަ ދުނިޔޭގައި ވަޒަން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ނެތުމަކީ ވަރަށް ޒިންމާދާތުކަން ކުޑަ އަމަލެއްގެ ގޮތުގައި ކައުންސިލުން ދެކެމެވެ." ހދ. އަތޮޅު ކައުންސިލުގައި ބުނެފައިވެ އެވެ.
- ޕޮކެޓު މަނީ: 46،260
ޖުމްލަ: 952،885 (ނުވަ ލައްކަ، ފަންސާސް ދެހާސް، އަށް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ)
މި ދަތުރުގެ އިތުރުން މާލިއްޔަތު ގަވާއިދާ ޚިލާފަށް ދޮޅު ލައްކައަށްއަށް ވުރެ ގިނަ ރުފިޔާގެ ސާމާނު އިއުލާނު ކުރުމަކާ ނުލައި ކައުންސިލުގެ ބަޖެޓުން ގަތް މައްސަލައެއް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ކައުންސިލުގެ ބަޔާނުގައ އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ބަޔާންކޮށްފައެއް ނުވެއެވެ.