Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޮޑިޓާ ޖެނެރަލް

ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ދިޔަ މައްސަލައިގައި ފިޔަވަޅު އަޅަނީ

ހދ. އަތޮޅު ކައުންސިލުގެ ބަޖެޓުން ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން، އެއްވެސް ކުރިއެރުމެއް ނުވަތް ނަތީޖާއެއް ލިބިފައިނުވާ ތަޖުރިބާ ދަތުރެއްގައި އެ އަތޮޅު ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި މުވައްޒަފުން ބެންކޮކަށް ދިޔަ މައްސަލައެއްގައި ފިޔަވަޅު އަޅަަން އޮޑިޓާ ޖެނެރަލް އަންގަވައިފިއެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓަށް ބަލާއިރު، ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އެ އަތޮޅު ކައުންސިލް އިދާރާގެ 14 މެންބަރުންގެ ތެރެއިން 13 މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް އަދި ސީނިއާ މެނޭޖުމަންޓުގެ ހަ މުވައްޒަފުން ހިމެނޭހެން ޖުމްލަ 20 މުވައްޒަފުން 10 ދުވަހުގެ ތަޖުރިބާ އާއި ތަމްރީން ދަތުރެއްގައި ކަމަށް ބުނެ ބެންކޮކަށް ގޮސްފައިވެއެވެ.

ތަޖުރިބާ އާއި ތަމްރީން ދަތުރަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލް:

- ތައިލެންޑް ޓްރެއިނިން އިންސްޓިޓިއުޓްގެ ފީ އަދި ކެއުމުގެ ޚަރަދު: 535،213
- ބައިވެރިންގެ ދަތުރުގެ ޚަރަދު (2 ދުވަހަށް): 133،229
- ބައިވެރިންގެ ދަތުރުގެ ޚަރަދު (މާލޭގައި 2 ދުވަހަށް): 28،000
- ޑޮމެސްޓިކް ޓިކެޓް ޚަރަދު: 72،020
- އިންޓަނޭޝަނަލް ޓިކެޓު ޚަރަދު: 138،163
- ޕޮކެޓު މަނީ: 46،260

ޖުމްލަ: 952،885 (ނުވަ ލައްކަ، ފަންސާސް ދެހާސް، އަށް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ)

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މި ދަތުރަކީ ކައުންސިލްގެ މަސައްކަތާ ގުޅުންހުރި ގިނަ ދާއިރާތަކެއްގެ ކަންކަން ފުޅާކޮށް ތަރައްގީކޮށް، ފަންނުވެރިކަން އިތުރު ކުރުމަށް ކުރެވުނު ދަތުރެއް ނަމަވެސް، ދަތުރު ނިމި އެއް އަހަރު ވިއިރުވެސް ހދ. އަތޮޅުގެ އެއްވެސް ރަށެއްގައި މި ދަތުރުން ހޯދުނު ތަޖުރިބާ އާއި ފަންނީ ކުރިއެރުމުގެ ބޭނުން ކޮށްގެން އެއްވެސް މަޝްރޫއެއް ފަށާފައި ނުވާ ކަމަށެވެ.

މީގެއިތުރުން، 2023 ވަނަ އަހަރު ކައުންސިލްގެ އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާއިން އަތޮޅުގެ ތަރައްގީއަށް ނުވަތަ ރައްޔިތުންނަށް ދިގު މުއްދަތެއްގައި އޭގެ ފައިދާ ކުރާނެ ކަންކަމަށް ޚަރަދު ކުރުމުގެ ބަދަލުގައި 2023 ވަނަ އަހަރުން ކައުންސިލްގެ އިދާރާއަށް ލިބުނު އާމްދަނީ އާއި ބްލޮކް ގްރާންޓުގެ ގޮތުގައި ލިބުނު ފައިސާއިން ބޮޑު އަދަދެއް މި ދަތުރަށް ހަރަދުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ދަތުރަކީ ތައިލެންޑުގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ހޯދުމާއި އަތޮޅުގެ ކުރިއެރުމަށް ކުރެވޭނެ ކަންކަމުގައި ތައިލެންޑުގެ އިންވެސްޓަރުން ހޯދުމަށް މަގުފަހިކުރުމުގެ އިތުރުން ގުޑް ގަވަނަންސާއި ޕަބްލިކް ޕޮލިސީ އަދި ރޫރަލް ޑިވެލޮޕްމަންޓްގެ ދާއިރާތަކުން ތަޖުރިބާ އާއި މައުލޫމާތު ހޯދުމުގެ މަގްސަދުގައި ކުރި ދަތުރެއް ކަމަށް ކައުންސިލުގެ ދަތުރު ރިޕޯޓުގައި ބަޔާންކޮށްފައިވީ ނަމަވެސް ދަތުރުން ހާސިލްކުރަން ބޭނުންވާ ކަންކަމާއި މި ދަތުރުން ލިބޭ ތަޖުރިބާ ކައުންސިލްތަކުގައި ބޭނުންކުރާނޭ ގޮތެއް ދަތުރުކުރުމުގެ ކުރިން ކަނޑައަޅާފައެއް ނުވެއެވެ.

މި ދަތުރަށް ހަރަދުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ސާކިއުލާ "ބަޖެޓު ތަންފީޒްކުރުމާ ގުޅޭ އިރުޝާދު" އާ ޚިލާފަށްކަމަށްވާތީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ހުއްދަނޫން އަމަލެއް ކޮށްފައިވާ ކަމަށް ބެލެވޭތީ، މި ހަރަދުތަކަށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފައެވެ.

އަދި މިދިޔަ އަހަރުގެ ބަޖެޓުގައި އެ ކައުންސިލަށް ހަމަޖެއްސި އަދަދަށް ވުރެ ގިނައިން ހަރަދު ކޮށްފައިވާކަން ވެސް ވަނީ ހާމަވެފައެވެ. އެގޮތުން، ދަތުރުތައް ކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި އެ ކައުންސިލަށް 651،572 ރުފިޔާ ހިމަނާފައި ވީނަމަވެސް، ބެންކޮކް ދަތުރުގެ ސަބަބުން ބަޖެޓް ކުރިވަރަށް ވުރެ އިތުރަށް 300،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވެއެވެ.

މީގެއިތުރުން، މާލިއްޔަތު ގަވާއިދާ ޚިލާފަށް ދޮޅު ލައްކައަށްއަށް ވުރެ ގިނަ ރުފިޔާގެ ސާމާނު އިއުލާނު ކުރުމަކާ ނުލައި ކައުންސިލުގެ ބަޖެޓުން ގަތް މައްސަލައެއް ވެސް ވަނީ ފެންމަތި ވެފައެވެ. އެ ގަވާއިދުގައިވާ ގޮތުން ކީދުމަތެއް ހޯދުމާއި، މަސައްކަތް ކުރުވުން ނުވަތަ ގަންނަ ތަކެތީގެ އަގު 35،000 އަށް ވުރެ ބޮޑު ނަމަ އާންމުކޮށް އިއުލާން ކުރަން ޖެހެއެވެ. ނަމަވެސް އެ ކައުންސިލުން ވަނީ ގަވާއިދާ ޚިލާފަށް 156،150 ރުފިޔާ ހަރަދުކޮށްފައެވެ.

އިއުލާން ކުރުމެއް ނެތި ގަނެފައިވާ ތަކެތީގެ ތެރޭގައި ހަތަރު ކޮމްޕިއުޓާ ސިސްޓަމާއި، ކޮންފަރެންސް ރޫމް މޭޒާއި، ގޮނޑި އާއި މަސައްކަތްކުރާ މޭޒާއި ގޮނޑި ގަނެފައިވެއެވެ.

ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިއަށް ރޭވުމުގައި ވަކި ގޮތަކަށް ކުރިއަށް ގެންދިޔުމުގެ ގޮތުން ޕްރޮކިއުމަންޓުގެ ވާދަވެރިކަން ގެއްލޭ ގޮތަށް އެއް ކަމެއްގެ ގޮތުގައި ބެލެވޭ ކަންތައްތައް ވަކި ވަކިން ނުކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފައެވެ.

މި ލިއުމާއި ގުޅޭ