އއ.މާޅޮހު ކައުންސިލުން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ކައުންސިލް އިދާރާގެ ބޭންކު އެކައުންޓުތަކާއި ތިޖޫރީން ބައި މިލިއަނެއްހާ ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ ކަން ހާމަވެއްޖެއެވެ.
މި ކަން ހާމަވެފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކައުންސިލް އިދާރާގެ ޚާއްސަ އޮޑިޓުގައެވެ. މިއީ އެ އިދާރާގެ 2018 ވަނަ އަހަރުގެ އިންޓާނަލް އޮޑިޓްގައި، ކައުންސިލް އިދާރާގެ މުވައްޒަފަކު ފައިސާއަށް ޚިޔާނާތްތެރިވެ ލިޔެކިޔުންތައް ފޯޖްކޮށްފައިވާކަން ފާހަގަވެ، އެ މައްސަލަައިގެ ތަހުގީގަށް ފުލުހުންގެ އެދުމުގެ މަތީން ކުރިޔަށް ގެންދިޔަ އޮޑިޓެކެވެ.
ފައިސާގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެހުރި ކައުންސިލް އިދާރާގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ވަނީ ކައުންސިލުގެ ފައިސާ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާ ކަމަށް އިއުތިރާފް ވެފައެވެ. އެގޮތުން ކައުންސިލުގެ ފައިސާގެ ތެރެއިން ދެ ލައްކަ ރުފިޔާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށް އޭނާ ވަނީ އިއުތިރާފް ވެފައެވެ.
އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކަށް ބަލާއިރު، ކައުންސިލުގެ ބޭންކު އެކައުންޓުތަކުންނާއި ތިޖޫރީން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ނަގާފައިވާ ފައިސާގެ ތެރެއިން ޖުމްލަ 492،867 ރުފިޔާ ވަނީ ގެއްލިފައެވެ. އެ ފައިސާގެ ތެރޭގައި ހިމެނެނީ ކައުންސިލްގެ އިދާރާގެ ބޭންކު އެކައުންޓުން ނެގި ފައިސާގެ ތެރެއިން ކައުންސިލްގެ އިދާރާގެ ތިޖޫރީއަށް ވައްދާފައި ނުވާ 255،584 ރުފިޔާ އާއި، އެކި ބޭނުންތައް ކުރުމުގެ ނަމުގައި ލިޔެކިޔުންތައް އޮޅުވާލައިގެން ކައުންސިލުގެ ބޭންކު އެކައުންޓުން ނެގި 112،500 ރުފިޔާ އާއި މުވައްޒަފުންނަށް މުސާރަ އާއި އެލަވަންސް ފައިސާގެ ގޮތުގައި ދޭންޖެހޭ ވަރަށްވުރެ އިތުރަށް ތިޖޫރީން ނަގާފައިވާ 82،579 ރުފިޔާއެވެ.
އަދި ތިޖޫރީގައި ހުރި ނަގުދު ފައިސާގެ ތެރެއިން ކައުންސިލް އިދާރާގެ ބޭންކް އެކައުންޓަށް ޖަމާކުރަން ނެގި ފައިސާގެ ތެރެއިން ބޭންކު އެކައުންޓަށް ޖަމާކޮށްފައިނުވާ 42،204 ރުފިޔާވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ނަގުދުން ބަލައިގަނެފައިވާ އާމްދަނީ ފައިސާ ގަވާއިދުން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި ބޭންކު އެކައުންޓަށް ޖަމާކޮށްފައިނުވުމާއި، ބޭންކު އެކައުންޓުން ގިނަ އަދަދެއްގެ ނަގުދު ފައިސާ އެކި ފަހަރު މަތީން ނެގުމަށް ފަހު އެ ފައިސާ އާންމުކޮށް ތިޖޫރީގައި ބަހައްޓައިގެން އެކި ކަންކަމަށް ހަރަދުކުރަމުން ގޮސްފައިވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ވެއެވެ.
ހަމައެހެންމެ ފައިސާ ޚަރަދު ކުރުމުގެ ކުރިން ތައްޔާރު ކުރަން ޖެހޭ ލިޔެކިޔުންތަކާއި، ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށް ފައިސާ އާ ބެހޭ ލިޔުންތައް ފައިލް ކުރުމަށް ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށާއި އެ މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދުތައް ރެކޯޑު ކުރުމަށް މަސައްކަތް ކޮށްފައިނުވާ ކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
މީގެއިތުރުން، މާލިއްޔަތު ގާނޫނާ އެއްގޮތަށް ބަލަހައްޓަން ޖެހޭ ގިނަ ލިޔެކިޔުންތައް ބަލަހައްޓަފައިނުވާ ކަމަށާއި، 2018 ވަނަ އަހަރު އެ ކައުންސިލުގެ އާމްދަނީ އާއި ޚަރަދުގެ ރިޕޯޓުތައް ތައްޔާރުކޮށްފައި ނުވާ ކަމާއި އާމްދަނީ އާއި ހަރަދުގެ ރިޕޯޓުތައް ލާމަރުކަޒީ ގާނޫނާ އެއްގޮތަށް އަތޮޅު ކައުންސިލުެ އިދާރާއަށް ހުށަހަޅާފައި ނުވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
އޮޑިޓާ ޖެނެރަލް ވަނީ އަމިއްލަ ބޭނުމަށް ފައިސާ ހަރަދު ކުރި ކަމަށް ކުރީގެ އެޑްމިން އޮފިސަރު އިއުތިރާފު ވުމާއި، އިދާރާގައި ހުންނަން ޖެހޭ ފައިސާއިން ބައެއް ގެއްލިފައި ވުމުން އެ މައްސަލަ ތަހުގީގު ކުރުމަށް އަންގާފައެވެ.
އަދި، މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުމާ ހަވާލުވާ ފަރާތްތަކުން ގަވާއިދު ބެލުމަށާއި، އިސްލާހީ ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ނަސޭހަތްދީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް ވެސް ވަނީ އަންގާފައެވެ.