ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ހުޅުމާލޭގައި ފްލެޓު އިމާރާތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އޮޑިޓު ރިޕޯޓު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓިއެއް ހެދުމަށް ނިންމައިފިއެވެ.
މި މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމަށް އޮޑިޓާ ޖެނެރަލް ވަނީ ވަޑައިގެންފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ސަބް ކޮމިޓީއެއް ހެދުމަށް ހުށަހަޅުއްވާފައިވަނީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ. ސަބް ކޮމިޓީ ހެދުމަށް ފާސްކޮށްފައިވަނީ ކޮމިޓީ މެންބަރުންގެ އިއްތިފާގުންނެވެ.
އޮޑިޓު ރިޕޯޓު ދިރާސާކުރުމަށް ހެދި ސަބް ކޮމިޓީގައި ހިމެނެނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އާއި، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އާއި، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ އިތުރުން، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރުން ޑރ. އަހުމަދު ޝަމްހީދު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައެވެ. މި މަޝްރޫއު ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޖޫން މަހުއެވެ. މި މަޝްރޫއުއާ ގުޅިގެން ހަދާފައިވާ އޮޑިޓުގައި ބުނީ ފްލެޓް މަޝްރޫއުއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުކޮށްފައި ވާއިރު 355 މިލިއަނުގެ ގެއްލުން ވެފައިވާ ކަމަށެވެ.