ޒަކާތް ދެއްކުމުގެ ސަބަބުން އިގްތިސާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިގްތިސާދަަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދޭ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
"ފަރުޟު ޒަކާތާއި އިގްތިސާދާ ހުރި ގުޅުން" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ، ޒަކާތުގެ ނިޒާމަކީ މުޅި މުޖްތަމައުން ފަގީރުކަން ނައްތާލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަގްސަދަކީ އޭގެ ހައްގުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުން ކަމަށް ހުތުބާގައި ބުންޏެވެ. އެހެންކަމުން، ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވިއްޖެނަމަ، ކުރާނެ މަސައްކަތެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ އެވެ.
އަދި މުޖްތަމައުގެ ވަކި ބައެއްގެ އަތުގައި ފައިސާ ޖަމާކޮށް ހަޒާނާކޮށް، އިގްތިސާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ޒަކާތް ދެއްކުމުގެ ނިމުމަކަށް އަންނާނެ ކަމަށް ހުތުބާގައި ބުންޏެވެ.
އެކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެން ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނި ގޮތުގައި ޒަކާތް ދެއްކުމުގެ ސަބަބުން އިގްތިސާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިގްތިސާދަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދެ އެވެ. ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވެ އެވެ.
އެގޮތުން، އިގްތިސާދީ ހީނަރުކަމުގެ ދުވަސްވަރުވެ މުދާ ގަންނަ ފަރާތްތަކުން މުދާ ގަތުމަށް ބޭނުންވާ މިންވަރު އިތުރުވެ، އަޑިގުޑަންތަކުން އިގްތިސާދު ސަލާމަތްވުމަށް މަގުފަހިވާ ކަމަށް ހުތުބާގައި ބުންޏެވެ.
އެހެންކަމުން، ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސާފައިވާއިރު، ޒަކާތް ދެއްކުމުގެ ޝަރުތުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކުން ޒަކާތް ދެއްކުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.