Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލިއްޔަތު ކޮމިޓީ

ޕޮލްކޯ ޚިޔާނާތާ ގުޅިގެން ބިންތަކާއި މުދާ ދައުލަތަށް ނަގަން ހުށަހަޅަނީ

ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ހުޅުމާލޭގައި ފްލެޓު އިމާރާތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ނުހައްގުން ހޯދި ފައިސާއިން ގަނެފައިވާ ބިންތަކާއި މުދާތައް ދައުލަތަށް ނެގުމަށް ހުށަހަޅަން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން ނިންމައިފިއެވެ.

ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލަތައް ފުރަތަމަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ޖެނުއަރީ މަހު އާންމުކުރި އޮޑިޓް ރިޕޯޓުގައެވެ. އެ ފްލެޓު އިމާރާތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އޮޑިޓު ރިޕޯޓު ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއް ވަނީ ހަދާފައެވެ.

ފްލެޓްތަކަށް މިހާތަނަށް 1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ، 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް އޮޑިޓު ރިޕޯޓުން އެނގެއެވެ.

ސަބް ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓުގައި ހުރި މައުލޫމާތުތައް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހިއްސާ ކުރައްވަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ފުލުހުންގެ ފްލެޓުތަކާ ގުޅޭގޮތުން ޕޮލްކޯއިން ތިން ކުންފުންޏަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ފާހަގަވެފައިވާ މައްސަލަތައް ވަކިވަކިން ކޮމިޓީގެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

އެގޮތުން ނޫމަޑި، އައިލެންޑް އެކްސްޕާޓް އަދި އަމިން ކޮންސްޓްރަކްޝަނާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހުރި މައްސަލަތައް ވަކިވަކިން ވަނީ ފާހަގަކޮށްފައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އައިލެންޑް އެކްސްޕާޓަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ފުލުހުންގެ ބޯޑުން ނިންމާފައިވާ ނިންމުންތަކާ ހެދި އެތައް މިލިއަން ރުފިޔާ އެއް ދޫކޮށްފައިވެއެވެ. ދެ ފަރާތުން އެއްބަސްވެގެން، ކޮންޓްރެކްޓު އުވާލިއިރު، 129.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް އިތުރަށް ދޫކޮށްފައިވާ ކަމަށާއި އެ ފައިސާ ޕޮލްކޯއަށް އަދިވެސް ލިބިފައިނުވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޕޮލްކޯއިން ދިން ފައިސާ އެ ކުންފުނިން ބޭނުންކޮށްފައިވަނީ ހުޅުމާލޭން ބިމެއް ހޯދައި 17 ބުރީގެ އިމާރާތެއްގެ ކޮންކްރީޓް މަސައްކަތް ކުރުމުގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރަކު ހުޅުމާލޭން ބިމެއް ގަތުމަށް ކަމަށާއި، ހިޔާނާތަށް ބާރު ލިބޭ ހުރިހާ ލިޔެކިޔުންތަކެއް ހޯދާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ސަބް ކޮމިޓީގެ ރިޕޯޓު ކޮމިޓީއާ ހިއްސާ ކުރުމުގެ ކުރިން ޕޮލްކޯގެ އިސްވެރިންނާ އަންނަ ހޯމަ ދުވަހު ބައްދަލުކޮށް ސަބް ކޮމިޓީގެ އިތުރު ބައްދަލުވުމެއް މިހާރު ވަނީ ތާވަލްކޮށްފައެވެ.

މަޖިލީހުގެ މި ދައުރު ނިންމައި ޗުއްޓީއަށް ދިއުމުގެ ކުރިން ތަޅުމަށް ފޮނުވައި ރިޕޯޓު ފާސްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޕޮލްކޯ އިން ކޮންޓްރެކްޓަރުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ދީފައިވާ މާލީ ލުއިތަކާއި އަގުތައް އިތުރުކޮށްދިނުމާއި ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުން ފަދަ ހުރިހާ ފައިދާއެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އައިލެންޑް އެކްސްޕާޓުން ސަބްކޮންޓްރެކްޓް ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ގްލޯބަލް އެކްސްޕްރެސް އާއި ފުނާކީ އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯގެ އޯނަރު މިސްޓާ x އަށް ލިބިފައިވެއެވެ.

މިސްޓާ x އަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދައްކާފައިވާ ފައިސާ:
- ނޫމަޑި : 96،324،299 ރުފިޔާ
- އައިލެންޑް އެކްސްޕާޓް : 441،944،785 ރުފިޔާ
- ގްލޯބަލް އެކްސްޕްރެސް : 70،024،572 ރުފިޔާ
- ފުނަކީ އިމްޕޯޓް އެންޑް އެކްސްޕޯޓް : 36،223،214 ރުފިޔާ
- ޑީކޭއެމް ވޯލްޑްވައިޑް : 24،013،521 ރުފިޔާ
- ދެކޯމަސް : 14،225،777 ރުފިޔާ

އޮޑިޓު ރިޕޯޓުން އެނގޭ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާއިރު އެފަދަ މަޝްރޫއެއްގެ އެވްރެޖް އަގު ކަމަށް ބެލެވެނީ އަކަ ފޫޓަކަށް 1300 ރުފިޔާ އާއި 1500 ރުފިޔާގެ ރޭޓުންނެވެ.

އެ ރޭޓުން ބަލާނަމަ އެ މަޝްރޫއުގެ އަގަކަށް 745.3 މިލިއަން ރުފިޔާ ޖެހޭއިރު, އެންމެ ބޮޑުވެގެން ވެސް ޖެހެނީ 859.9 މިލިއަން ރުފިޔާއެވެ. އެހެންކަމުން އެ ރޭޓުން ބަލާއިރު, މަޝްރޫއުއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

ގާތްގަނޑަކަށް އަގުގެ ދެގުނަ ޚަރަދު ކޮށްފައިވާއިރު, އެފަދަ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގެ ނެތް ކަމަށާއި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވުމާއި ފްރޯޑާއި ކޮރަޕްޝަނުގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން ހިންގާފައިވާ ކަމަށްވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި މަސައްކަތް 2013 ވަނަ އަހަރު އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ, ނޫމަޑިއާއެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް އައިލެންޑް އެކްސްޕާޓްއާ ހަވާކުކޮށްފައިވާއިރު, އެ ކުންފުނީގެ މަސައްކަތްވެސް ދިގުލައިގެން ގޮސް އެއްބަސްވުން އުވައިލީއެވެ. މި މަސައްކަތް އެންމެ ފަހުން ނިންމަން ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަން ކުންފުންޏާއެވެ.

މި ލިއުމާއި ގުޅޭ