Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

ކުރެވޭ ހެޔޮ ޢަމަލެއްގެ ގިނަކަމާއި މޮޅުކަމަކުން ސުވަރުގެ ޔަގީންވީކަމަށް ދެކިގެން ނުވާނެ: ޚުތުބާ

ކުރެވޭ ހެޔޮ ޢަމަލެއްގެ ގިނަކަމާއި މޮޅުކަމަކުން ސުވަރުގެ ޔަގީންވީކަމަށް ދެކިގެން ނުވާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ރަމަޟާން މަހަށް ފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބޭށެވެ!" މިއެވެ.

ޚުތުބާގައި ބުނެފައިވަނީ ރަމަޟާން މަސް އަހަރެމެންނާ އަލްވަދާޢުކިޔަނީކަމަށާއި ނަމަވެސް އެ މަހުގެ ވެރި الله ދިރިދެމިވޮޑިގެންވާކަމަށެވެ. އަދި ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮ ޢަމަލުކުރުމަކަށް އަލްވަދާޢެއް ނުކިޔާނެކަމަށާއި އަހަރެމެންނަށް އޮތީ ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުންކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އަދި ޔަޤީންވެގެންވާ މަރު އަހަރެމެންނާ ބައްދަލު ކޮށްފުމަށް ދާންދެންކަމަށާއި އަޅުކަންކުރުމަކީ، الله سُبْحَانَهُ وَتَعَالَى އަހަރެމެން ޚަލްޤުކުރައްވައި، އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ކަމެއްކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ވަޙީކުރައްވައިފައި ވާ ބަސްފުޅެއްގެ މާނާގައިވަނީ:

"ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި އިންސީން ނަހައްދަވަމެވެ."

ޚުތުބާގައި އިތުރަށް ބުނެފައިވަނީ ރަމަޟާން މަސް އަހަރެމެންނާ ވަކިވެގެން މި ދަނީ، ޝައްވާލު މަހުގެ ހަ ރޯދައިގެ ނިޢުމަތަށް މަގު ފަހިކޮށްދީފައިކަމަށެވެ. އަދި ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރުކުރުމަށް ނަސޭހަތްތެރުވެ ޚުތުބާގައި ބުނެފައިވަނީ އިސްތިޣުފާރުކުރުމަކީ، އެކަލާނގެ ހަޟުރަތުގައި، ފާފަ ފުއްސެވުމަށް އެދި ދެންނެވުންކަމަށެވެ.
އަދި އެކަލާނގެއީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެކަމަށާއި އެކަލާނގެއީ އެކަލާނގެ ކޯފާއަށް ވުރެ ރަޙުމަތް ތަނަވަސްވެގެންވާ ރަސްކަލާނގެކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން ކުރީން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ ޢަމަލުތަކެއް ކަމުގައި، އަހަރެމެން ދެކިގެން ނުވާނެކަމަށާއި ކުރެވުނު ހެޔޮ ޢަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ އެ ޢަމަލުތައް ބާޠިލުވެދާނެކަމަށަވެސް ޚުތުބާގައި ބުނެފައިވެއެވެ.

"އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮ ކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ ޢަމަލުތައް ކުރުން މަތީ ދެމިތިބޭން ޖެހެއެވެ. ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން، ސުވަރުގެ ޔަޤީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ." ޚުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވަނީ:

"ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ ﷲއޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދުކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!"

މި ލިއުމާއި ގުޅޭ