އުންމަތުގެ ޒުވާނުންގެ ނާރުތަކުގައި، ޢިލްމާއި، މަޢުރިފާގެ ލޭ ދައުރުކުރާން ފެށުމުން، ޢިލްމުގެ ނޫރު ފެތުރި، ޖަހާލަތުގެ އަނދިރިކަން ފިލައިދާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ތަރައްޤީގެ އަސާސަކީ، ތަޢުލީމާއި ތަރުބިޔަތު" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ އިސްލާމީ ރިސާލަތު ފެށުނީ، ކިޔެވުމަށް ކުރެއްވި އަމުރުފުޅުންކަމަށެވެ. އެކަން ބަޔާންކުރުމަށް މާތް ﷲގެ ވަހީ ބަސްފުޅެއް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.
އެކަލާނގެ ވަހީކުރެއްވި ބަސްފުޅުގެ މާނާގައިވަނީ:
"ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހައި ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ."
"މި ފެށުނު ދިރާސީ އަހަރު، ތިޔަ ކުދީންނަށް އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި، ޢިލްމީ ޙަރަކާތްތަކުން، ތިޔަކުދީންގެ ހުސްވަގުތު ފަޅުފިލުވައިލާށެވެ! ކުތުބުޚާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި، ތަޢުލީމީ ވަސީލަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފައިގެންނެވެ. ތިޔަ ކުދީންގެ މައިންބަފައިންނަށް އިޙްތިރާމުކޮށްގެންނެވެ. ލޮބުވެތި މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމު އަދާކޮށްގެންނެވެ. އެ މީހުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ދަންމަރުތަކެކެވެ. ތިޔަ ކުދީންގެ މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެވެ. އެ ބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތަކާ ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައެވެ. ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޛާރު ދެއްވާ ބޭކަލުންގެ ގޮތުގައެވެ." ޚުތުބާގައި ބުނެފައިވެއެވެ.
"އުންމަތުގެ ޒުވާނުންގެ ނާރުތަކުގައި، ޢިލްމާއި، މަޢުރިފާގެ ލޭ ދައުރުކުރާން ފެށުމުން، ޢިލްމުގެ ނޫރު ފެތުރި، ޖަހާލަތުގެ އަނދިރިކަން ފިލައިދާނެކަމާ މެދު ޝައްކެއް ނެތެވެ. ވީމާ ޢިލްމާއި ހުނަރާ އެއް ވަރަށް، އެ ކުދީންގެ އަޚްލާޤު ވެސް ރިވެތިކޮށް ބައްޓަންކޮށްދޭށެވެ!" ޚުތުބާގައި ބުނެފައިވެއެވެ.