ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުރިއިރު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރައާއި ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުވާ އަލީ ވަހީދާމެދު ފިޔަވަޅު އެޅެން ނެތްކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ މަޖިލިސް އިންތިހާބު ކެމްޕެއިން ތަރުޖަމާނު ކެނދިކުޅުދޫ ދައިރާގެ މެންބަރު އަހުމަދު އީސަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ އަލީ ވަހީދަށް ކުރެވެނީ ތުހުމަތުތަކެއް ކަމަށާއި އޭނާއާމެދު ފިޔަވަޅު އަޅަން ޖެހޭ ހާލަތެއް އަދި ނެތްކަމަށެވެ.
އީސަ ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް އޮތީ ހަމައެކަނި ތުހުމަތަކާއި އެއަށް ބާރު ދޭން އެވާހަކަތައް ދައްކާފައިވާ ބަޔާންތަކެއް އެކަނި ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގަ އިތުރު ހެއްކެއް ހޯދި ތަހުގީގީ އިދާރާތަކުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ނިންމާ ތަހުގީގުކޮށް ދައުވާ ކުރެވޭނެ އެއްވެސް ކަމެއް ފެންމަތިވެގެން އަތުވެއްޖެ ހާލަތެއްގައި އެ ޕާޓީން އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.
އަލީ ވަހީދަށް ކުރެވޭ ޖިންސީ ފުރައްސާރައާއި ޖިންސީ އަނިޔާގެ ތުހުމަތުތައް އަލުން ފެންމަތިވީ އޭނާގެ ޝިކާރައަކަށްވީ އަންހެންކުދިން އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާންތައް އާންމުވުމާ ގުޅިގެންނެވެ. އެ ބަޔާނުތަކުގައި އަލީގެ ފަރާތުން އެ އަންހެނުންނަށް ކުރިމަތިވި ޖިންސީ އަނިޔާގެ ގިނަ ތަފުސީލުތަކެއް ހިމަނާފައިވެއެވެ.
އެގޮތުން އެއިން ބައެއް ކުދިންގެ ހަށިގަނޑުގައި ގަދަކަމުން އަތްލައި ޖިންސީ ގުޅުން ހިންގުމަށް މަސައްކަތްކުރިކަމަށް އެކުދިން ބުނެފައިވެއެވެ. އިތުރު ބައެއް ކުދިންވަނީ އަލީ ގަދަކަމުން އެ ކުދިންނާ ޖިންސީ ގުޅުންހިންގި ގޮތުގެ ތަފުސީލުތައް ތަހުގީގު މަރުހަލާގައި ފުލުހުންނާ ހިއްސާކޮށްފައެވެ. އެ ބަޔާންތައް އާންމުވުމުން އަލީއަށް އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ފުރުސަތު ދީފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އެމްޑީޕީއަށް އަމާޒުވެފައިވެއެވެ.
އަލީ ވަހީދުގެ މައްސަލާގައި ކަން ހިނގި ގޮތް
އަލީ ވަހީދުގެ ފަރާތުން ޖިންސީ ފުރައްސާރައާއި ގޯނާ ލިބުނު ބައެއް އަންހެނުން ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާންތައް އާންމުވެފައިވާއިރު އެއިން އެކަކު ބުނެފައިވަނީ ރިސޯޓެއްގެ ކޮޓަރިއަކަށް އޮޅުވާލައިގެން އޭނާ ވައްދައި، ލައިގެން ހުރި އަންނައުނު ބާލުވައި އޭނާގެ ގައިގައި އަލީ އަތްލައި ޖިންސީ އަނިޔާކުރި ކަމަށެވެ. އިތުރު އަންހެނަކު ބުނެފައިވަނީ ކޮވިޑުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން މާގިރީގައި ތިބި ދުވަސްވަރު އެ ހޮޓަލުގައި އަލީ ހުރި ކޮޓަރިއަށް ގެންގޮސް ދެ ފަހަރެއްގެ މަތިން އޭނާ ރޭޕުކުރިކަމަށެވެ.
ގަޔަށް އަތްލުމުގެ އިތުރަށް އަނގަ ބަހުންނާއި މެސެޖުކޮށްގެން އަލީ ޖިންސީ ފުރައްސާރަކޮށް މަތީ މަޤާމެއްގައި ހުރި މީހަކު ދައްކައިގެންނުވާނެ ވާހަކަތައް ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާ ދައްކާފައިވާކަމަށް އެ އަންހެނުންގެ ބަޔާންތަކުގައި ބުނެފައިވެއެވެ.
އަލީ ވަހީދުގެ ފަރާތުން ޖިންސީ ފުރައްސާރައާއި އަނިޔާ ލިބުނު ކުދިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުގެ ކުރިން ރައީސް އިބްރާހީމާ ބައްދަލުކުރިއެވެ. އެކުދިންގެ ވާހަކަތައް އަޑުއައްސަވައި އެކުދިންނަށް އިންސާފު ހޯދައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ނަމަވެސް މައްސަލަ ހިނގައިގަންނަން ފަށައި އަލީގެ މައްޗަށް ދައުވާކޮށްފައިވަނިކޮށް ކޯޓުން ބޭސްފަރުވާއަށް ބޭރަށް ފުރުމުގެ ފުރުސަތު އަލީއަށް ދިނުމުން ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރެވެނީސް އެ ދުވަހު އަލީ ރާއްޖެ ދޫކޮށް އިނގިރޭސިވިލާތަށް ދިޔައެވެ. އަލީ ފިލުމުގައި އެއިރުގެ ސަރުކާރުން އެހީތެރިވިކަމަށް ތުހުމަތުވެފައިވެއެވެ. ބޮޑެތި ތުހުމަތުތަކެއް ކުރެވުނަސް އަލީ ހައްޔަރުކޮށްފައިނުވެއެވެ.
އަލީ އިނގިރޭސިވިލާތުގައި ހުރުމުގެ ސަބަބުން މައްސަލަ ކުރިއަށްނުގޮސް މަޑުޖެހިފައިވަނިކޮށް މައްސަލާގައި ހެކިބަސްދިން އަންހެނުންނަކީ ކޮބައިކަން ބައެއް ފަރާތްތަކަށް އެނގިގެން ދިޔައެވެ. ފަހުން އެ އަންހެނުންވަނީ އެމީހުން ދިން ހެކިބަސް އަނބުރާ ގެނެސްފައެވެ. އެ ހެކިބަސް ގެނައީ ނުފޫޒު ފޯރުވައިގެންކަމަށް އެއިރުވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރިއެވެ. އޭގެ ފަހުން އަލީ ވަހީދު އަނބުރާ ރާއްޖެއަށް އައިސް ސިޔާސީ މަސައްކަތްތައް ފެށިއެވެ.
އަދި މިހާރު އޭނާއަކީ ރައީސް އިބްރާހީމު އެ ޕާޓީއެއްގެ އެޑްވައިޒަރުކަމުގައި ހުންނެވި އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓެވެ.