Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ވަހީދު

ހަތް އަހަރު ފަހުން އަލީ ވަހީދު އަނބުރާ އެމްޑީޕީއަށް

މިދިޔަ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
އެކަން ހާމަކޮށް އޭނާ މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަތް އަހަރާ ހަތް ދުވަސް ފަހުން އެމްޑީޕީގެ ފަހްރުވެރި މެންބަރެއްގެ ގޮތުގައި ހުރުމަށް އެ ޕާޓީއާ ގުޅިފައިވާ ކަމަށެވެ.
"އެމްޑީޕީއަށާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ހިދުމަތް ކުރާނަން،" އެމްޑީޕީއާ އަލުން ގުޅި، އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އަލީ ވަހީދު އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީ މިހާރު އުވާލެވިފައިވާ ޑީއާރުޕީންނެވެ. މަޖިލީހުގެ ތޮއްޑޫ ދާއިރާގައި ހުންނަވައި، އޭރުގެ ވެރިކަންކުރާ އެމްޑީޕީއަށް އޭނާ ސޮއިކުރެއްވި އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރެއްވުމަށްފަހު، އޭނާ ޖޭޕީއާ ގުޅިވަޑައިގަތީ 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގަ އެވެ.
އެ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖޭޕީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އަލީ ވަހީދު އެ މަގާމުން ވަކިކުރެއްވީ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެންނެވެ.
ޖިންސީ ގޯނާގެ އެ ތުހުމަތުތަކާ ގުޅިގެން، އެ މައްސަލައިގައި ދައުވާވެސް ކޮށްފައި ވަނިކޮށް އޭނާ ދެ އަހަރެއްހާ ދުވަހު އަމިއްލައަށް ޔޫކޭއަށް އަރުވާލެވިގެން ހުންނެވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިއުމާއެކު އަލީ ވަހީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ޖުލައި މަހު އެވެ.
އޭނާއަށް ކުރި ދައުވާތައް މިދިޔަ ޖޫން މަހު ޕީޖީން އަބުރާ ގެންދިޔައީ އެ މައްސަލައިގައި ޝާމިލްވާ މީހުން އިތުރަށް މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާތީ، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ.
ރާއްޖެ ވަޑައިގެން އެއާޕޯޓުން އެންމެ ފުރަތަމަ ދެއްވި އިންޓަވިއުގައި އަލީ ވަހީދު ވަނީ އޭނާ ދެން ކުރިއަށްދާން ބޭނުންވަނީ ފުޓްބޯޅައިގެ މީހެއްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭގާ ކުޑަ ދުވަސްކޮޅެއް ފަހުން، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓުކަމާ ވެސް ހަވާލުވެވަޑައިގެންނެވި އެވެ.
އެކަމަކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ގާސިމަށް ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގަތުމުން ގާސިމްގެ ތާއީދު ރައީސް އިބްރާހީމަށް ހޯދައި ދިނުމަށް އެންމެ ގަދަޔަށް މަސައްކަތްކުރީ އަލީ ވަހީދެވެ. ނަމަވެސް ޖޭޕީން ނިންމީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބައެއްގެ ފަހަތަށް ނޭރުމަށެވެ.
އެހެންވެ، ގާސިމް ދޫކުރައްވައި އަލީ ވަހީދު މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ޖޭޕީން ވަކިވެވަޑައިގެންނެވީ އެވެ. އެއަށްފަހު އޭނާ މިހާރު ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީއާ ގުޅެން މަސައްކަތް ކުރެއްވި ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
އެހެންމަވެސް، އޭނާއަށް ކުރެވިފައިވާ ތުހުމަތުތަކުގެ ސަބަބުން ޕީޕީއެމް އިން ބަލައިނުގަތުމުން، އެމްޑީޕީއާ ގުޅެން އޭނާ ނިންމެވީ ރައީސް އިބްރާހީމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މުލިޔާގޭގައި އެމަނިކުފާނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ކަމަށް މައުލޫމާތުލިބިފައިވެ އެވެ.
އެގޮތުން މިއަދު އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު އެ ޕާޓީގެ ރައީސްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހު ހަމަޖައްސަވާފަ އެވެ.
މި ލިއުމާއި ގުޅޭ