ގއ.ވިލިނގިލިން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން 11 ބިމުގައި ޓޫރިސްޓް ހޮޓާ ނުވަތަ ގެސްޓްހައުސް އަދި ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތައް ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް ކުރި އިއުލާނުގެ ދަށުން ހަތް ބިން ކުއްޔަށް ދޫކޮށްފިއެވެ.
އެރަށު ކައުންސިލުން ވަނީ ރަށުގައި ފަތުރުވެރިކަމުގެ ވަސީލަތްތައް ގާއިމު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 23 އޮކްޓޯބަރ 2024 ގައެވެ.
ކައުންސިލް އިއުލާނުގައިވާގޮތުން މިކަމާއި ގުޅޭ ބީލަންތައް ބަލައިގަތްފައިވަނީ 12 ނޮވެމްބަރ 2024 ގައެވެ.
ފަތުރުވެރިކަމުގެ ވިޔަފާރިކުރުމަށް ބިން ދޫކުރުމަށް ވިލިނގިލީ ކައުންސިލުން ހުޅުވާލި ފުރުސަތުގައި 24 ފަރާތަކުން ރަޖިސްޓްރީކޮށްފައިވެއެވެ. އަދި ބިންތަކަށް އެދި 18 ފަރާތަކުން ފޯމު ހުށަހަޅާފައިވެއެވެ.
ވިލިނގިލީގައި ބިންދޫކުރަން ނިންމި ލޮޓުތައް އަދި އެތަންތަން ލިބު ފަރާތްތަކުގެ މައުލޫމާތު ކައުންސިލުން މިހާރު ވަނީ އާއްމުކޮށްފައެވެ.
މި ބިންތަކާއި ގުޅޭ އެއްވެސް މައްސަލައެއް ހުށަހަޅަން ބޭނުންވާ ނަމަ ފަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.