ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހާޖީ ފައުންޑޭޝަނާއި އިސްލާމިކް މިނިސްޓްރީން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު އޮތް ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ހާޖީ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒެވެ.
މި ފަހުމުނާމާ ގެ ދަށުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން، ދާއިރާއަށް ބޭނުންވާ އެންމެހައި ކަންކަމުގައި އެއްބާރުލުން ލިބިގެންދާނެކަމަށް ހާޖީ ފައުންޑޭޝަނުން ބުނެއެވެ.
މި ފަހުމުނާމާއާ ގުޅޭގޮތުން "ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް ވިދާޅުވީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ވިލިނގިލީގައި ރޯދައިގެ ކުރިން ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ބޭއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މެމްބަރު އާޒިމް ވިދާޅުވީ މި ފަހުމުނާމާގެ ދަށުން އިސްލާމިކް މިނިސްޓްރީން، ވިލިނގިލީ ދާއިރާގައި ހިންގަން ބޭނުންވާ ކަންކަމަށް ހާޖީ ފައުންޑޭޝަންގެ ފަރާތުން އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ. އަދި އުމްރާނީ ތަރައްޤީއާ އިމާމުން ތަމްރީނު ކުރުމާއި ޤުރުއާން މުބާރާތް ބޭއްވިކަމަށް ވިޔަސް އެ ފައުންޑޭޝަންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
ހާޖީ ފައުންޑޭޝަނުން ކޮންމެ އަހަރަކު ދެ މީހަކަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތުގެ އިތުރުން ކޮންމެ އަހަރަކު ދެ މީހަކަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.