Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ޖިންސީ ގޯނާގެ ސަބަބުން ކުއްޖާއަށް ކުރި އަސަރު ކޯޓުގައި އިއްވުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް

ދިހަ އަހަރު ދުވަސް ވަންދެން އެކި ފަހަރު މަތީން ލިބުނު ޖިންސީ ގޯނާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައު ބަޔާންކުރުމުގެ ފުރުސަތު އަނިޔާ ލިބުނު ކުއްޖާއަށް ދީފިއެވެ.

މިއީ ޖިނާއީ މައްސަލައެއްގައި ދިވެހިރާއްޖޭގައި ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް މައްސަލާގައި އަނިޔާލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ.

ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށްޓަކައި ހުޅުވާލެވިފައިވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި އަމަލުކުރާ އުޞޫލެކެވެ.

މި މައްސަލައިގައި އުމުރުން 8 އަހަރުން ފެށިގެން 18 އަހަރާ ހަމައަށް, 10 އަހަރު ދުވަސް ވަންދެން އެކި ފަހަރު މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާ ވަނީ ލިބިފައެވެ. ޖިންސީ ގޯނާ ކުރި މީހާގެ މައްޗަށް ކުށް ސާބިތުވެފައި ވާއިރު, އޭނާ 54 އަހަރަށް ޖަލަށް ލުމަށް މިމަހުގެ 21 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅައި، މި މައްސަލައިގެ ޙާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާއެކު ބަޔާންކޮށްދީފައެވެ. މި ބަޔާން ކޯޓުގައި އިއްވަވައި ދެއްވާފައިވަނީ ޕަބްލިކް ޕްރޮސިކިއުޓަރު އަލްމާސް މުބާރިކެވެ.

ޕީޖީ އޮފީހުން ބުނީ ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން ވިކްޓިމުން، ބާރުވެރިކުރުވުމަކީ އެ އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަން ކަމަށެވެ.

މި މައްސަލާގައި ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާލިބުނު ކުއްޖާއަށް ކޯޓުގައި އެކުއްޖާގެ ބަސް އިއްވުމުގެ ފުރުޞަތު ލިބިދިނުމަށް ކޯޓުގައި އެދުމުން، ކޯޓުން އެ ފުރުޞަތު ދެއްވާފައިވާތީ ޕީޖީ އޮފީހުން އެކަމަށް މަރުޙަބާ ކިޔަމެވެ. އެ އޮފީހުން ބުނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް ސެންޓާރޑް ނިޒާމަކަށް މިސްރާބު ޖެހުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ހައްސާސް މައްސަލައަކަށް ވެފައި، އަނިޔާލިބުނު ކުއްޖާގެ މަޢުލޫމާތު ޙިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ކުށްކުރި ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ