ނިމުނު އެމްޑީޕީ ސަރުކާރުގައި ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުރި އަހުމަދު ސައީދުގެ މައްޗަށް ޚިޔާނާތުގެ އިތުރު މައްސަލައެއްގައި ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މިއީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައެވެ. މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އިއްޔެ ފޮނުވާފައިވާ ކަމުގައި އޭސީސީން ބުނެއެވެ.
ސައީދުގެ އިތުރުން މި މައްސަލައިގައި ދެން ދައުވާ ކޮށްދިނުމަށް އެދިފައިވަނީ އާއި އޭރުގެ ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދުގެ މައްޗަށެވެ.
އޭސީސީން ބުނީ ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރުގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމާފައިވަނީ، އެ ޕްރޮޖެކްޓަކީ، "އިންޓަރނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ ކަމަށެވެ.
އަދި މާމެންދޫގައި ފިޝަރީޒް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، ސަޢީދު ބޯޑު މެންބަރުންނަށް ދޮގު މަޢުލޫމާތު ދީފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
އެގޮތުން، ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ސައީދު ދޮގު މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި މަސްޢޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަހުގީގަށް ހާމަވެފައިވާ ަކަމަށާއި، އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ޤާބިލްކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށްފައިވާކަން އޮޅުވާލާފައިވާކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.
މި ދެ މީހުންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް ޢަމަލުކުރުން ނުވަތަ ދައުލަތައް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހު އޭނާގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ. ޕީޖީ އޮފީހުން މިދިޔަ ޑިސެމްބަރު މަހު ވަނީ، 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ މައްސަލާގައި ސައީދުގެ މައްޗަށް ދައުވާ އުފުލާފައެވެ.