ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތަކުން ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ މަޢުލޫމާތުތައް ހުށަހެޅުމަށް ތަޢާރަފުކޮށްފައިވާ ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މިއީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ތަޢާރަފުކުރާ ޕްލެޓްފޯމެކެވެ.
ކަސްޓަމްސްއިން ބުނީ މި ޕްލެޓްފޯމް މެދުވެރިކޮށް ޝިޕިންގ އޭޖެންޓުންނާއި ފްރައިޓް ފޯވަރޑަރުން ރަޖިސްޓްރީކުރުމާއި، ފޮރިން ގޮއިންގ ވެސަލް ރަޖިސްޓްރީކުރުމާއި، ވެސަލް އެރައިވަލް އިންފޮމޭޝަން އަދި ސީ ކާގޯ މެނިފެސްޓް ހުށަހެޅުންފަދަ ޚިދުމަތްތައް ލިބޭނެކަމަށެވެ.
ނަމަވެސް ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް، އަންނަ މަހުގެ ނިޔަލަށް، މިހާރު ހުށަހަޅަމުންދާ ގޮތަށް ކާގޯ މެނިފެސްޓާއި ވެސެލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސްއިން ބުނީ ޖޫން މަހުން ފެށިގެން މި ޚިދުމަތްތައް ލިބޭނީ ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ކަމަށްވާތީ، އެ ސުންގަޑީގެ ކުރިން ޕްލެޓްފޯމްގައި ރަޖިސްޓްރީވުމަށް ކަމާގުޅޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާކަމަށެވެ.
ޓްރޭޑިއަން ޕޯޓަލްގައި ރަޖިސްޓްރީވުމާއި ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތައް ހޯދުމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ޓްރޭޑިއަންގެ ސަޕޯޓް ނަންބަރު 3334001 އަށް ގުޅުމަށް ނުވަތަ
[email protected] އަށް އީމެއިލް ކުރުމަށް ވެސް ކަސްޓަމްސްއިން ވަނީ އެދިފައެވެ.