ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ހުޅުވާލައިފިއެވެ.
އެފްއޭއެމްއިން ކުރި އިއުލާނުގައިވާގޮތުން ކޯޗަކު ހޯދަނީ ތިން މަސް ދުވަހަށެވެ. މިއީ ފުލްޓައިމް މަގާމެކެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން [email protected] އަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.
އެފްއޭއެމްއިން ބުނިގޮތުގައި މުސާރައާއި އިނާޔަތްތައް ކަނޑައެޅޭނީ ތަޖުރިބާއާއި ސަނަދުތަކަށް ބަލައިގެންނެވެ.
ގައުމީ ފުޓްބޯޅަ ސީނިއާ ޓީމަށް ކޯޗަކު ހޯދަން އެފްއޭއެމްއިން އިއުލާނުކޮށްފައިވާއިރު ސާފް ޗެމްޕިއަންޝިޕް ފަށަން މިހާރު މިވަނީ ތިން މަސް ދުވަހަށްވުރެ ކުޑަތަން ވެފައެވެ. އަދި ރާއްޖޭގައި ފުޓްބޯޅަ ސީޒަނެއް ނުކުޅޭތާ މިހާރު ދެ އަހަރުވަނީއެވެ.