ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އަނެއްކާވެސް ފަސްކޮށްފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އިފް މޯލްޑިވްސް އިން ޓީމުތަކަށް ފޮނުވި ކަލަންޑަރުގައި ފުޓްބޯޅަ ސީޒަން ފަށާ ޗެރިޓީ ޝީލްޑް މެޗު ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހަށެވެ.
މިއީ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން ކަނޑައެޅި 4 ވަނަ ތާރީޚެވެ. އެފްއޭއެމުން ފުރަތަމަ ޓީމުތަކަށް ފޮނުވި ކަލަންޑަރުގައި ސީޒަން ފެށުމަށް ކަނޑައަޅާފައި އޮތް ތާރީޚަކީ ޖެނުއަރީ މަހުގެ 24 އެވެ. ނަމަވެސް ޓީމުތަކުގެ ޚިޔާލު ހޯދުމަށްފަހު އެތާރީޚު ފެބްރުއަރީ މަހުގެ 14 އަށް ބަދަލުކުރިއެވެ.
ނަމަވެސް ފުޓްބޯޅަ ޓީމުތަކުގެ ހާލަތަށް ބަލައި ސީޒަން ފަށާ ތާރީޚު މިމަހުގެ 24 ވަނަ ދުވަހަށް ބަދަލުކުރުމަށްފަހު އަނެއްކާވެސް އެތާރީޚު މިވަނީ އަންނަ އެޕްރީލްމަހުގެ 8 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަނީ ޗެރިޓީ ޝީލްޑް މެޗަކުންނެވެ. ފުރަތަމަ ޑިވިޝަން ފެށުމަށް ކްލަބުތަކުން ތައްޔާރުވާން ފަށާފައިވާއިރު ސަރުކާރުން ވަނީ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ޓީމަކަށް 500،000ރ ދީފައެވެ.