އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަޒު ޒުހޫރު މަޤާމުން ވަކިކޮށް، އެ މަޤާމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒު ފީފާއިން އައްޔަންކޮށްފިއެވެ.
މިދިޔަ އޯގަސްޓް މަހު އެފްއޭއެމްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޒުހޫރަށް މަޤާމު ގެއްލުނީ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންގެ އަދަދު ދަށްކުރަން ފީފާއިން ނިންމުމާ ގުޅިގެންނެވެ. ކުރިން ފަސް މެންބަރުން ތިބި ކޮމިޓީގެ އަދަދު މިހާރު ވަނީ ތިނަކަށް ދަށްކޮށްފައެވެ.
ފީފާއިން ވަނީ ޒުހޫރުގެ އެއްބަސްވުން އުވާލައި، އޭނާ މަގާމުން ވަކިކޮށްފައިކަން އޭނާއަށް އަންގާފައެވެ. ނަމަވެސް ޒުހޫރު ފޯނަށް ޖަވާބު ނުދެއްވާތީ މަގާމުން ވަކިކުރުމާއި ގުޅޭ ގޮތުން އޭނާގެ ބަހެއް ނުލިބެއެވެ.
ފީފާގެ މި ނިންމުމުގެ ކުރިން، ކޮމިޓީގެ މެންބަރުކަމުން ފައިނޭންސް އަދި ޤާނޫނީ ދާއިރާގެ ތަޖުރިބާކާރު އަހްމަދު އަލީ ވަނީ އިސްތިއުފާ ދެއްވާފައެވެ. މިހާރު ކޮމިޓީގައި ތިއްބެވީ އައު ޗެއާމަން މުއިއްޒުގެ އިތުރުން، ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފާއި ޤާނޫނީ ވަކީލު އިސްމާއީލް ސިމާނެވެ.
ޒުހޫރު މަގާމުން ވަކިކޮށް މެންބަރުންގެ އަދަދު މަދުކުރިއިރު އެފްއޭއެމްގެ ކަންކަން ހަމަމަގަށް އަޅުވަން ހަވާލުކުރި ކޮމެޓީގެ މަސައްކަތްތައް ލަސްވެ ނަތީޖާއެއް ނުނެރެވޭ ކަމުގެ ޝަކުވާ އާއި ފާޑުކިޔުން ވަނީ އެކޮމެޓީއަށް އަމާޒުވެފައެވެ.
އެފްއޭއެމްގެ ނެރަލް ސެކްރެޓަރީ ނާހިލް ސިއްދީގް ވެސް ވަނީ މިމަހުގެ ކުރީކޮޅު މަޤާމުން އިސްތިއުފާ ދެއްވާފައެވެ.