Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެންޓި ކޮރަޕްޝަން ކޮމިޝަން

ފެނަކައިގެ ޕެޓީކޭޝް ބޭނުންކުރި މައްސަލައިގައި ތިން މީހަކަށް ދައުވާކުރަނީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ ސައިޓުތަކަށް ދޫކުރެވިފައިވާ "ޕެޓީކޭޝް" ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ބުނިގޮތުގައި މި މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އޭރު ހުރި އަޙްމަދު ސާތިޝް ސަޢީދު (ހަސީނީވިލާ، ސ.ފޭދޫ) އާއި، ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއަރ އިންޖިނިއަރގެ މަޤާމުގައި އޭރު ހުރި މުޙައްމަދު ޢާޞިދު (ނިރޮޅުމާގެ، ތ.ތިމަރަފުށި) އަދި ފެނަކައިގެ ސުޕަވައިޒަރެއްގެ މަޤާމުގައި އޭރު ހުރި ޙުސައިން އާސިރު (ފަޅޯމާގެ، ސ.ފޭދޫ) ގެ މައްޗަށެވެ.
އޭސީސީން ބުނީ ފެނަކައިގެ އައްޑޫ ސިޓީ، ސ.ހިތަދޫ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީޕީއެސް) ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ޚިލާފަށް އަމިއްލަ ބޭނުންތަކަށް، އަޙްމަދު ސާތިޝް ސަޢީދު އާއި، މުޙައްމަދު ޢާޞިދު އަދި ޙުސައިން އާސިރު ބޭނުންކޮށްފައިވާކަމަށެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުގޫބާތުގެ 81 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްކުރަން އެދުމުގެ ކުށުގެ ދަޢުވާއާއި، 82 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްކުރަން ރޭވުމުގެ ކުށުގެ ދަޢުވާއާއި، 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން 516 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާގައިކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
އަދި މި މައްސަލައިގައި، 623,208.80 ރުފިޔާ އަނބުރައި ހޯދުމަށް އެ ކޮމިޝަނުން ފެނަކައަށް އަންގާފައިވާކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ފޯޖަރީގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވޭތީ، އެކަން ތަޙުޤީޤުކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވުމަށް އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ