ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މާލީ މަންފާ ހޯދި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަރީއަތް ނިމެންދެއް ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މާޗު މަހުގެ 21 ވަނަ ދުވަހުގެ ރެޔެވެ. ފުލުހުން ހާމަކުރިގޮތުގައި އޭނާ ހައްޔަރު ކުރީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގަށެވެ.
މިއީ ޝަމްއާންގެ ބަންދާ ގުޅޭ މައްސަލައެއް ހައިކޯޓަށް ހުށަހެޅި ދެވަނަ ފަހަރެވެ. އޭނާ ބަންދުކުރުމަށް ފަހު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުށަހެޅި މައްސަލަ ވެސް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމަށް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލައި ބަލައިނުގަތުމަށް ހައިކޯޓުން އޭރު ނިންމި އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނަވައިގެން، ހައްޔަރުކުރި ބިދޭސީއެއްގެ އަތުން 530،000ރ. ނެގިކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 21 ގަ އެވެ. ފުރަތަމަ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެއް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މި މައްސަލައިގައި ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އެ މީހުން ބަންދުކުރުމަށް ފަހު ބަންދުގެ މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ.
ޝަމްއާން މަގާމުން ވަކިކޮށް އިމިގްރޭޝަން ކޮންޓްރޯލަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަަސީހު އައްޔަނު ކުރައްވާފައެވެ.