ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު އާއިމެދު އަމަލު ކުރަނީ މީގެ ކުރިން އެއްވެސް މީހަކާއިމެދު އަމަލު ނުކުރާ އުސޫލަކުން ކަމަށް އޭނާގެ ގާނޫނީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވެއްޖެއެވެ.
ނޫރުއްސަލާމް މިހެން ވިދާޅުވީ ޝަމްއާން ހައްޔަރުކޮށް އޭނާ 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ޝަމްއާންގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކޮށްފައި ވާތީ މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައްސަލަ ވެސް ވަނީ އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ އަށެވެ. މިއަދު ކުރިއަށް ގެންދިޔައީ 15 ދުވަހަށް އޭނާ ބަންދު ކުރަން ކުރި އަމުރުގެ މައްސަލައެވެ.
ނޫރުއްސަލާމް ވިދާޅުވީ ޝަމްއާންގެ މައްޗަށް ކުރަނީ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތުހުމަތުތަކެއް ކަމަށާއި މި ވަގުތު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކެއްގެ ތަފްޞީލު ޝަމްއާންގެ ފަރާތުން ހުށަހަޅާފައި ވާއިރު އެއިން އެއްވެސް މައްސަލައެއްގައި ހިމެނޭ އެއްވެސް ބޭފުޅަކު ހައްޔަރުކޮށްފައި ނެތް ކަމަށެވެ.
"އެ ޢިއްޒަތްތެރި ބޭބޭފުޅުންނަކީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވި ބޭބޭފުޅުން. ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައި ހުރި ބޭބޭފުޅުން މިހާރު މިއަމުރުތަކުގައި އަދި މިއަމުރުތަކަށް އެދި ހުށަހަޅާ ފަރާތްތަކުން ޝަމްއާންގެ ކިބައިގައި ފުރިހަމަ ވާކަމަށް އެބުނާ ޙާލަތުތައް ޝަމްއާންއަށް ވުރެ ބޮޑަށް މި މައްސަލަތަކުގެ ހިމެނޭ ބޭބޭފުޅުން މައްޗަށް ފުރިހަމަވާނެ. އެހެންނަމަވެސް، ތަޙުޤީޤު އިދާރާތަކުން މިއަދާ ހަމައަށް ގެންގުޅެފައި ހުރި އުސޫލަކީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ހިންގާ ކުށްތަކާއި މަނީލޯންޑްރިންގެ ކުށްތަކަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިކަމުގެ ޙާލަތަށް ބަލައިގެން ހައްޔަރުކޮށްގެން ތަޙުޤީޤުތައް ކުރިއަށް ގެންދާ ބާވަތުގެ ކުށްތަކެއް ނޫން ކަމަށް." ނޫރުއްސަލާމް ވިދާޅުވިއެވެ.
ވަކި މައްސަލައެއްގެ ތަފްސީލް ވިދާޅުނުވެ ނޫރުއްސަލާމް ވިދާޅުވީ ކޮރަޕްޝަންގެ ދެދައުވާއެއް އުފުލިފައިވާ ބޭފުޅަކާއި ކޮރަޕްޝަންގެ ހަތް ދައުވާއެއް އުފުލިފައިވާ ބޭފުޅަކު ވެސް ހުރީ ބަންދުގައި ނޫން ކަމަށެވެ.
މުޖުތަމަޢުގެ ސަލާމަތަށް އެ ކުށްތަކުގެ ކިބައިން ނުރައްކާތެރި ނުވާކަމަށް ބަލައިގެން ތަޙުޤީޤީ އިދާރާތަކުން މިއަދާ ހަމައަށް ޢަމަލުކުރަމުން އައިސްފައި ހުރި ނަމަވެސް ޝަމްއާން އާއި މެދު ތަފާތު ކުރުން ގެންގުޅުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި އޮތް ތަފާތުނުކުރުމުގެ ޙައްޤާއި، 20 ވަނަ މާއްދާގައި އޮތް ހަމަހަމަ ކަމުގެ ހައްގު ގެއްލިގެންދާ ކަމެއް ކަމަށް ޝަމްއާންގެ ވަކީލް ވިދާޅުވިއެވެ.
"ޝަމްއާންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފަދަ ތުހުމަތުތައް ތަޙުޤީޤުކުރުމުގައި، ދައުލަތުގެ ތަޙުޤީޤީ އިދާރާތަކުން ޢާއްމުކޮށް ޢަމަލުކުރަމުންދާ އިސްތިޤުރާރުވެފައިވާ އުސޫލުތަކެއް އެބަހުރި. މުޙައްމަދު ޝަމްއާން ވަޙީދާ މެދު އަޅާފައިވާ ފިޔަވަޅުތައް ހާމަޔަށް އެންމެނަށް އެނގެންހުރި ވަރަށް ގިނަ ކަންކަމާ ކަނޑައެޅިގެން ތަފާތު." ވަކީލު ވިދާޅުވިއެވެ.
ޝަމްއާންގެ ހައްޔަރު ކުރި އިޖުރާއަތު ކުރިއަށް ގެންގޮސްފައިވަނީ އަދި ބަންދުން މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވަނީވެސް ކޮރަޕްޝަންގެ ކުށްތަކެއްގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެއްވެސް ބައިވެރިވުމެއްނެތި ކަމަށް ވާތީ މި އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއިން ލާޒިމްކޮށްފައިވާ ތަޙުޤީޤީ ދެ އިދާރާއެއްގެ އިޚްތިޞާޞް ހިނގާ މައްސަލަތަކުގައި ޚާއްޞަ އިޚްތިޞާޞް އޮތް އިދާރާއަށް އެ މައްސަލައެއް ތަޙުޤީޤުކުރުން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމުގެ އުސޫލާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.
ޝަމްއާން ބަންދުގައި ބެހެއްޓި ޙާލަތަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވުމުގެ ޙާލަތު ކަމަށް ބަޔާންކޮށްފައި ވީނަމަވެސް އެކަމަށް ބެއްލެވުމުގައި ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ 13 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށްފައި ވަނީ އެއަކުރުގައި ބަޔާންކުރާ އުޞޫލާ ޚިލާފަށް ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވިއެވެ.
މައްސަލައިގެ ތަހްގީގު ކުރިއަށް ގެންދަން ޖެހޭނީ އޭސީސީ އާއި ގުޅިގެން ކަމަށް ޝަމްއާންގެ ވަކީލް ވިދާޅުވުމުން ދައުލަތުން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އެގޮތައް އޮތް ނަމަވެސް ތަހްގީގު ފަށާއިރު ފުލުހުން އެހެން މުއައްސަސާއެއް ބައިވެރި ކޮށްގެން ތަހްގީގު ކުރިއަށް ގެންދިއުން މަޖުބޫރު ނޫން ކަމަށެވެ.
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ފަރާތްތައް މީގެ ކުރިން ބަންދު ނުކުރާކަމަށް ޝަމްއާންގެ ފަރާތުން ވިދާޅުވި ވިދާޅުވުމަށް ދައުލަތުގެ ވަކީލުން ދެކޮޅެއް ނުހައްދަވައެވެ.
ހައިކޯޓުގައި މިމައްސަލަ ބައްލަވަނީ ފަނޑިޔާރު ޙަސަން ޝަފީއު އާއި ފަނޑިޔާރު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު ޢަބްދުލްމާނިއު ޙުސައިން އެވެ.