Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައި ކޯޓު

ޝަމްޢާނުގެ ބަންދު އަމުރުގެ މައްސަލަ ކުރިއަށް ގެންދަން ހައިކޯޓުން ނިންމައިފި

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްޢާން ވަހީދު 15 ދުވަހަށް ބަންދުކޮށް ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމުގެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.
ޝަމްޢާން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހޯދައި، އެ ފައިސާ ޝަމްޢާންގެ ގެއަށް ގެންދިޔަ ކަމުގެ ތުހުމަތުގައެވެ. މި މައްސަލައާ ގުޅިގެން ޝަމްޢާން ވަނީ މިދިޔަ މާޗު 20 ގައި މަގާމުން ވަކިކޮށްފައެވެ.
ކްރިމިނަލް ކޯޓުން ޝަމްޢާން 15 ދުވަހަށް ބަންދުކުރި އަމުރު އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން، ފުރަތަމަ ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް، މި ނިންމުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން، ތިން ފަނޑިޔާރުން ވެސް ނިންމަވާފައިވަނީ މައްސަލައިގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭތީ، ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.
މި މައްސަލައިގައި ޝަމްޢާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި ފައިސާ އަތުލުމަށްފަހު ދޫކޮށްލާފައިވަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓްހައުސްއަކުން އަތުލައިގަތް ބިދޭސީއެކެވެ. "ފައިސާ ހޯދާފައިވަނީ އެ ބިދޭސީމީހާ ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލުކޮށްގެން" ކަމަށް ފުލުހުން ބުނެއެވެ.

އިސްތިއުނާފު ކުރެވުނު 15 ދުވަހުގެ ބަންދު އަމުރުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ. އޭގެ ފަހުން ޝަމްޢާން ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރު ބަޔަކު ފުރުން މަނާކޮށް، ޝަމްޢާންގެ އަނބިކަނބަލުންގެ ފޯނު ވެސް ކޯޓު އަމުރަކާ އެކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މި ލިއުމާއި ގުޅޭ