ސައުދީ ޑިވެލޮޕްމަންޓު ފަންޑު (އެސްއެފްޑީ) ގެ ހިލޭ އެހީގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ 400 ހައުސިން ޔުނިޓު މަޝްރޫއު އިފުތިތާހުކޮށްފިއެވެ.
މި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ.
މި މަޝްރޫއު އާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.
އެސްއެފްޑީ ގެ ހިލޭ އެހީގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ 400 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު އިފްތިތާހުކޮށްފައިވާއިރު މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށާއި، އެއާޕޯޓުގެ ކާގޯ ޚިދުމަތްތައް ތަރައްގީކުރުމަށް ވެސް އެސްއެފްޑީން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
ސައުދީ ޑިވެލޮޕްމަންޓު ފަންޑު (އެސްއެފްޑީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)، ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު ރާއްޖެ ވަޑައިގެންނެވީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.