Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލީ ވުޒާރާ

ފުރަތަމަ ކުއާޓާގައި ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި 224 މިލިއަން ރުފިޔާ

އަަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުގެ ކުންފުނިތަކުން ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމު ކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ކުންފުނިތަކުން މިދިޔަ އަހަރު ލިބުނު ފައިދާއިން ސަރުކާރަށް ދެއްކި ޑިވިޑެންޑުގެ ގޮތުގައި ބަޖެޓަށް 224 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދާ އަޅާ ބަލާއިރު 164 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްއޯއީތަކުން ޑިވިޑެންޑުގެ ގޮތުގައި ލިބިފައިވަނީ 60 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރު ނިމޭއިރު ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑުގެ ގޮތުގައި ދައުލަތަށް 710 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައެވެ. ފުރަތަމަ ކުއާޓަރުގައި ލިބުނު 224 މިލިއަން ރުފިޔާއަކީ އަންދާޒާ ކޮށްފައިވާ އަދަދުގެ %32 އެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.9 ބިލިއަން ރުފިޔާ ކަމަށްވާއިރު، މި އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ މިވަނީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށް 527 މިލިއަން ރުފިޔާ އިތުރުވެ ޖުމްލަ އާމްދަނީ ވަނީ 11.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި ލިއުމާއި ގުޅޭ