ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރު މަހު ކޮންމެ މަހަކު 200،000 ފަތުރުވެރިން ހަމަވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާފައިވާއިރު، މިކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16.1 އިންސައްތަ ވަނީ އިތުރުވެފައެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި 104،357 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
މި އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ކުރިއެރުމާއެކު، ފަތުރުވެރިކަމާ ސީދާ ގުޅިފައިވާ އާމްދަނީތައް ކަމުގައިވާ، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކުހާއި، ގްރީން ޓެކްސް، ޑިޕާޗާ ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިއަހަރުގެ ފެބުރުވަރީ އަދި މާޗް މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 3.3 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައެވެ.
ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، މި އާމްދަނީތަކުގެ ޖުމުލަ ވަނީ %12.4 އިން އިތުރުވެފައެވެ. ދައުލަތަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހޭ އާމްދަނީ ހިމެނުމުގެ ފުރުސަތު އޮތް ނަމަވެސް، މީރާ އިން ހާމަކުރާ ގޮތުގައި މަތީގައި ބަޔާންކޮށްފައިވާ ޓެކްސްތަކާއި ޓެކްސް ނޫން ފައިސާ ދައްކަންޖެހޭ ގިނަ ފަރާތްތަކަކީ ލަރޖް ޓެކްސް ޕޭޔާ ކެޓަގަރީއަށް ނިސްބަތްވާ ފަރާތްތައްކަމުގައިވެފައި، އެ ފަރާތްތަކުން ސުންގަޑިއަށް ބަޔާން ހުށަހަޅައި ފައިސާ ދައްކާ މިންވަރު ނިސްބަތުންބޮޑެވެ.
ހަމައެހެންމެ، ޓެކްސް އަދި ޓެކްސް ނޫން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ސުންގަޑިތަކާހުރެ، ކޮންމެ މަހަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދާއި ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ރޭތަކުގެ ޢަދަދު، ދައުލަތުގެ އާމްދަނީން ރިފްލެކްޓްވާނީ ވިދިގެން އަންނަ މަހުގައެވެ.
މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު، ނިމިގެންދިޔަ އަހަރުގެ މާޗް މަހާ އަޅައިބަލާއިރު %4.8 އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ރިޕޯޓްކޮށްފައެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް މިއައި ކުރިއެރުން، މިހިނގާ އެޕްރީލް މަހު ދައުލަތަށް ބަލައިގަންނަ އާމްދަނީން ފެންނާނެކަމުގައި ލަފާކުރެވޭ ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.