މިހާރު މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ވިހި ވަނަ ދައުރުގައި މިހާތަނަށް ޤައުމަށް ވަރަށް ފައިދާހުރި ޚިދުމަތްތެރި މަސައްކަތްތަކެއްކޮށްފައިވާކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާހް މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެންގެ މި ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާހިސާބަށް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތްތަކަށް ބަލައިފި ކަމަށް ވަންޏާމު، މި ޤައުމަށް ވަރަށް ފައިދާހުރި، ވަރަށް ޚިދުމަތްތެރި މަސައްކަތްތަކެއް. ވަރަށް މުހިންމު ގާނޫނުތަކާއި ވަރަށް މުހިންމު އިޞްލާޙުތަކެއް ގެނެސްފި. ވަރަށް މުހިންމު ގާނޫނުތަކެއް އަލަށް ތަޢާރަފުކޮށްފި." ފަލާހް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ މި މަޖިލީހަށް އަދި އަހަރު ދުވަސްވެސް ނުވާކަމަށާއި ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތްތަކަކީ ވަރަށް ގިނަ އަދި އެހާމެ މުހިއްމު މަސައްކަތްތަކެއްކަމަށެވެ.
އަދި މިހާތަނަށް މި މަޖިލީހަށް ދެ ޗުއްޓީއެއް ލިބިފައިވާކަމަށާއި އެ ދެ ޗުއްޓީގެ 50 އިންސައްތަ މެންބަރުން ހޭދަކުރީ މަޖިލީހުގެ މަސައްކަތްތައް ކުރުމުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިހާހިސާބަށް އަޅުގަނޑުމެންނަށް ދެ ޗުއްޓީއެއް ލިބިއްޖެ. ލިބުނު ދެ ޗުއްޓީގައި ވެސް އަޅުގަނޑުމެން ވާނީ، ޗުއްޓީގެ ދެބައިކުޅަ އެއްބައި މަސައްކަތް މި މަޖިލީހުގައި ހުރީމާ ނުކުމެ މަސައްކަތްކޮށްފަ. ޗުއްޓީގެ ފަންސާސް ޕަސެންޓް މަސައްކަތްކޮށްފައިވާނީ." މެންބަރު ފަލާހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި ސިޔާސަތެއްކަމަށާއި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެމަގުންކަމަށެވެ.