މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލިސް ހިންގަމުން ދަނީ ވަރަށް ރަނގަޅަށްކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ސުޕަ މެޖޯރިޓީން އަމަލު ކުރަމުންދާ ގޮތަށް ފާޑުކިޔައި އިދިކޮޅު އެމްޑީޕީ މެންބަރަކު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނެސް އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމަށް އެ ބިލު އަހަރެއްހާ ދުވަސް ވަންދެން ކޮމިޓީގައި ޕާކުކޮށްފައި އޮތް ކަމަށް ބުނެ އެމްޑީޕީން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ނަމަވެސް އެމްޑީޕީގެ މެންބަރުންނަކަށް ރަނގަޅު އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އެ ކަންކަމަށް ވަގުތު ނަގާނެ، އެކަހަލަ ދިރާސާތައްކޮށް، އެކަހަލަ ކަންކަން ކުރަން ނެތް މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލެވޭނެ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް މި ވިހި ވަނަ މަޖިލިސް މި ހިންގެނީ ވަރަށް ރަނގަޅަށް. އިއްޒަތްތެރި ރައީސްގެ މި ޒައާމަތުގައި މި މަޖިލިސް މި ހިނގަމުންދަނީ އިރާދަކުރެއްވިއްޔާ ދިވެހި ސަރުކާރާއި، ރައްޔިތުން ބޭނުންފުޅުވާ ގޮތަށް، ވަގުތު ނަގަންޖެހޭ ކަންކަމަށް ވަގުތު ނަގައިގެން، ދިރާސާކުރަންޖެހޭ ކަންކަން ދިރާސާކޮށްގެން، އެކަމުގެ މަޢުލޫމާތު ހޯދަންޖެހޭ ކަންތައްތަކަށް މަޢުލޫމާތު ހޯދިގެން"، ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން، މެންބަރު ފަލާހް ވިދާޅުވީ މި މަޖިލީހުގެ މެންބަރުން ކުރާ މަސައްކަތުގެ ފުރުހަމަ ކަމުން އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
އަދި 20 ވަނަ މަޖިލިސް ނިމުމުގެ ކުރިން މިހާރު ތިބި އިދިކޮޅަށް ނިސްބަތްވާ އެމްޑީޕީގެ 12 މެންބަރުންނަށް ރަނގަޅު ތަމްރީނެއް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.