Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އިބްރާހިމް ފަލާޙް

މީޑިއާ ކޮމިޝަން ބިލުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް: ފަލާހު

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެއް މުއައްސަސާއަކަށް ހެދުމަށް 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު' ގެ ނަމުގައި މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ. މި ބިލު ހުށަހަޅުއްވާފައި ވަނީ މިނިވަން މެންބަރެއް ކަމުގައިވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރެވެ.

މި ބިލުގައި ވާ ގޮތުން، ކޮމިޝަނުގެ އޮނިގަނޑު އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ހަތަރު މެންބަރުންނާއި، މީޑިއާއިން އިންތިޚާބު ކުރާ ތިން މެންބަރުންގެ މައްޗަށެވެ.

އަދި މީޑިއާތަކުގެ އިތުރުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް ފިޔަވަޅު އެޅޭ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ.

ބިލާ ގުޅޭގޮތުން "ދިޔަރެސް" އާ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މި ބިލުގެ ޚަބަރު ލިބިވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށާއި، ބިލުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

"ބިލު ހުށަހެޅުއްވީ ވެސް މިނިވަން މެންބަރެއް، ސަރުކާރަށް ވެސް ބައެއް ކަންކަމުގައި ފާޑުވިދާޅުވެފައި އެބަ ހުރި އެ މެންބަރު މަޖިލީހުގައި. ޕީޖީ ގްރޫޕުން އެކަމާ މަޝްވަރާ ކުރާނެ. އެއަށް ފަހު ވަކި ގޮތެއް ނިންމާނީ"، ފަލާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިލާ ގުޅޭގޮތުން ޕީއެންސީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރާނެ ކަމަށާއި، ބިލަށް ތާއިދު ކުރުމާ މެދު ނުވަތަ ގެންނާނެ އިސްލާހުތަކާ މެދު ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން، މި ބިލާ ގުޅޭ ގޮތުން "ދިޔަރެސް" އާ ވާހަކަދައްކަވަމުން އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމަކީ ސަރުކާރުގެ ވިސްނުން ކަމަށެވެ. އަދި އެކަމާ ގުޅޭ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މެންބަރުގެ އަމިއްލަ ޚިޔާލު ކަމަށާއި އެކަމާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ބިލުގައި ހުރި ކަންކަމާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވެވޭނީ އިތުރަށް ބިލު ދިރާސާ ކުރުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ބިލަކީ ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ނޫން. އެއީ އެ ބިލު ހުށަހެޅުއްވި މެންބަރުގެ އަމިއްލަ ވިސްނުމަށް ހުށަހަޅާފައި ބިލެއް. ދެން އެ ބިލުގައި ހުރި ކަންކަން އަޅުގަނޑުމެން މިދަނީ ދިރާސާ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދަން ހުށަހަޅާފައިވާ ބިލު ފާސްވެއްޖެނަމަ، ރާއްޖޭގައި އޮތް މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސައިލައިގެންދާނެ ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން އަބަދުވެސް ގަބޫލުކުރާ ހަމައަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިހުތިޔާރު އޮންނަންވާނީ މީޑިއާއަކަށް އަމިއްލައަށް އެކަން ކުރާ ގޮތަށް ކަން ފާހަގަކޮށް އެމްޖޭއޭއިން ބުނީ ސެލްފް ރެގިއުޅޭޓަރީ އުސޫލަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަޓިކް އުސޫލުތައް އޮންނަ އެހެން ގިނަ ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ކާމިޔާބު ނިޒާމެއް ކަމަށް އެޖަމިއްޔާ އިން ބުނެއެވެ.

މި ލިއުމާއި ގުޅޭ