ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ޕީއެންސީއަށް ވައްދާފައިވަނީ ވަގަށް ނޫން ކަމަށާއި، އެއީ ޕީއެންސީގެ މަސައްކަތްތައް ގަޑުބަޑު ކުރުމަށް އޭނާ އަމިއްލަ އަށް ކުރި ކަމެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ތުހުމަތު ކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމާ ގުޅޭގޮތުން ތަޅުމުގައި ވާހަކަ ދައްކަވަމުން މެންބަރު ފަލާހު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރާ މެންބަރުންނަކީ ވަރަށް ނަޒާހާތްތެރި އިތުބާރު ހިފޭ މެންބަރުންނަށް ވާން ޖެހޭ ކަމަށެވެ. އެއީ ޕާޓީތަކާ ގުޅޭ ގިނަ މައްސަލަތަކެއް ދޭތެރެއަކުން ފެންމަތިވާއިރު، އެކަންކަމުގެ ހަގީގަތް ރައްޔިތުންނަށް އެނގެން ޖެހޭތީ ކަމުގައި އޭނާ ވިދާޅުވިއެވެ.
މިހާރު ފެންމަތިވެފައިވާ ވަގު ފޯމުތަކުގެ މައްސަލައާ ގުޅިގެން ފަލާހު ވަނީ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސް ގިނަ އަދަދެއްގެ މެންބަރުން ޕާޓީއާ ގުޅެމުންދާތީ އެކަން ގަޑުބަޑު ކުރުމަށް ބައެއް ޕާޓީތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
އޮޅުވާލައިގެން ޕީއެންސީއަށް ވައްދާފައިވާ ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު (ފިއްޓޭ) އަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ އެ މެންބަރަކީ މީގެކުރިންވެސް އޭނާއަށް އެނގުމަކާ ނުލައި އެކި ޕާޓީތަކަށް ވައްދާފައިވާ މެންބަރެއް ކަމަށެވެ.
"ރާއްޖޭގައި މިވަގުތު އުފެދިފައިވާ ބައެއް ސިޔާސީ ޕާޓީތަކުން މިކަން މީ ވަރަށް ބޮޑު ކަމަކަށްހަދައި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު ޕާޓީއަށް ވައްދަމުންދާތީ މި ބޭފުޅުންނަށް މިކަން ހަޖަމުނުވެގެން އަމިއްލައަށް މިކަން ގަޑުބަޑުކުރަން ބައެއް ބޭފުޅުން އެބަހުރި އަމިއްލައަށް މީގެ ތެރެއަށް ވަދެފައި. އަމިއްލަފުޅަށް މި މަޖިލީހުގެ ބައެއް މެންބަރުން ވެސް އެބަ ހުރި ޕީއެންސީއަށް ވަދެފައި. ވަގަށް ފޯމު ކޮށްޕާލައިގެން މީޑިއާގަ މައްސަލަ ލިޔެފަ ވަރަށް ނުބައި ކަންކަން ކޮށްފައި"، ފަލާހު ވިދާޅުވިއެވެ.
ފަލާހުގެ ވާހަކަތަކާއި ގުޅިގެން ނިޒާމާ ބެހޭ މައްސަލައެއް ނެންގެވުމަށް ފަހު ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުންނާ މުހާތަބުކޮށް އެ މެންބަރުން އަމިއްލައަށް ޕާޓީތަކަށް ވަދެފައިވާ ކަމަށް ދޭހަކޮށް ފަލާހު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
"އަޅުގަނޑުގެ އަޚު ހުސެއިން ޒިޔާދު އެއްވެސް އެނގުމަކާއި ނުލައި އޮޅުވާލައިގެން ޕީއެންސީއަށް ވައްދާފައިވާ ކަމީ ހަގީގަތެއް. އެހެންވީމަ އެއީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް ކަނޑައަޅަން"، މައުރޫފް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ކަމެއް އަމިއްލައަށް ކުރުމަށްޓަކައި އެ މީހަކު ފޯމު ފުރާފައި އިލެކްޝަންސް ކޮމިޝަނަށް ކޮންމެހެން ހުށަހަޅަން ނުޖެހޭ ކަމަށެވެ. މީހަކު މެދުވެރިކޮށް އެކަން ކުރުމުގެ ޖާގަވެސް އެބަ އޮތް ކަމަށެވެ. އަދި ވަގަށް ކަންކަން ކުރުމަށް އެމްޑީޕީއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެއީ އުފެދުމުގައި ވެސް ވައްކަން ކުރަމުން އައި ޕާޓީއެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެ ވާހަކަ ދެއްކެވުމުގެ މަގްސަދަކީ އެއްވެސް މެންބަރެއްގެ އަގު ވައްޓާލުން ނޫން ކަމަށާއި، އެ މެންބަރު ޕީއެންސީއަށް ވައްދާފައިވާ މައްސަލަ ބޮޑުވެފައިވާތީ އެ ވާހަކަ ސާފުކޮށްދެއްވުމަށް ކަމަށެވެ. އަދި އެ މެންބަރަކީ މީގެކުރިންވެސް ނޭންގި ބައެއް ޕާޓީތަކަށް ވައްދާފައިވާ ކަމަށް ބުނެފައިވާ މެންބަރެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން، ފަލާހު ވިދާޅުވީ ޕީއެންސީގެ ރައީސް، ރައީސް ޑރ.މުހައްމަދު މުއިއްޒު އަކީ ކަމެއް ހަވާލުކުރެއްވުމަށް ފަހު ވަރަށް އިޚުލާސްތެރިކަމާއި އަމާނާތްތެރިކަމާ ތެދުވެރިކަމާއެކު އެކަންކަން ކުރިއަށް ގެންދަންވާ ގޮތުގެ ލަފަޔާ އިރުޝާދު ދެއްވާ ބޭފުޅެއް ކަމަށެވެ.