ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
މިފަހުން ތައިލޭންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
އެއާއެކު އަންނަ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.
މި އޮންލައިން ފޯމް https://tdac.immigration.go.th/arrival-card/#/home ލިންކު މެދުވެރިކޮށް ފުރިހަމަ ކުރެވޭނެއެވެ.
މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވެއެވެ. އަދި، ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން ތައިލެންޑަށް ދަތުރުކުރާ ދިވެހީން، ރާއްޖެއިން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.