Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ޝައްމާން ވަހީދު

ޝަމްއާން ބަންދުކުރީ ހެކިންނާއި ރައްޓެހިކަމެއް އޮންނާތީ ކަމަށް ބުނެ - ވަކީލް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ އެމައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނާއި އޭނާއާއި މެދު ރައްޓެހިކަމެއް އޮތުމުން ކަމަށް އޭނާގެ ވަކީލް މަރިޔަމް ނާޒްލީން މިއަދު ވިދާޅުވެއްޖެއެވެ.

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކުރިއަށް ގެންދާ ޝަރީއަތުގައި ޝަމްއާންގެ ވަކީލް ވިދާޅުވީ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށްޓަކައި ކަމަށް ބަޔާންކޮށް، ކްރިމިނަލް ކޯޓުން ޝަމްއާން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ، ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަން އެއްވެސް މަސައްކަތެއް ކުރިކަމުގެ އެއްވެސް ހެއްކެއް ނެތި ކަމަށެވެ.

ބަންދުގައި ބެހެއްޓުމަށް ކަނޑައެޅޭނީ ތުހުމަތު ކުރެވިފައިވާ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަން އުޅޭކަމުގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެގެން ކަމަށް ހައިކޯޓުން 2019 ވަނަ އަހަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބަންދުގެ މައްސަލައިގައި ނިންމާފައި އެބައޮތްކަން ޝަމްއާންގެ ވަކީލް ފާހަގަ ކުރެއްވިއެވެ.

"ކްރިމިނަލް ކޯޓުން ޝަމްއާން ޝަރީޢަތް ނިމެންދެން ބަންދުކުރަން ނިންމިއިރު ރިޢާޔަތްކޮށްފައި ވަނީ ހެއްކަކަށް ނޫން، ހެއްކަށް ރިޢާޔަތްކުރުމުގެ ބަދަލުގައި ރިޢާޔަތްކޮށްފައި ވަނީ ހެކިންނާއި އިސްތިޢުނާފުކުރާ ފަރާތާއި އޮތް ގުޅުމެއްގެ ސަބަބުން، ރައްޓެހިކަމުގެ ގުޅުން އޮތްކަން އެނގޭތީ، އެ ގުޅުމުގެ ސަބަބުން އެބަ އިފްތިރާޟްކުރެވެއޭ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލެއް އޮވެދާނެ ކަމަށް. މިކަން އަޅުގަނޑުމެންނަށް އެނގެނީ ކްރިމިނަލް ކޯޓުން ބަންދު އަމުރު ނެރުނުއިރުގައި ބަންދުކުރާ ސަބަބުގެ ގޮތުގައި ޤާޟީ ފާހަގަކުރައްވާފައިވާ ކަންތައްތަކަށް ބެލުމުން." ނާޒްލީން ވިދާޅުވިއެވެ.

ވަކީލް ވިދާޅުވީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ޢަމަލެއް ކުރަން ޝަމްއާން އެއްވެސް ކަމެއް ކުރިކަމަކަށް މިއަދާ ހަމައަށް ވެސް ދައުލަތުގެ ފަރާތުން ވެސް، ފުލުހުންގެ ފަރާތުން ވެސް ބުނެފައި ނެތް ކަމަށެވެ.

"އަދި ކްރިމިނަލް ކޯޓުން ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރުއްވިއިރު، އެ އަމުރަށް ބެލުމުން ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތެއް ކުރިކަމުގެ ހެއްކެއް ނެތްކަން ކްރިމިނަލް ކޯޓުގެ ޤާޟީވެސް ގަބޫލުކުރައްވާކަން އެނގޭ ކަމަށް ވަކީލް ވިދާޅުވިއެވެ. "ހަމައެކަނި ޤާޟީ މި ބެއްލެވީ، ޕްރިޒަމްޝަނަކަށް ނުވަތަ އިފްތިރާލަކަށް މި ބެއްލެވީ ރައްޓެހެންވީމަ ނުފޫޒު ފޯރުވިދާނެކަމަށް ބަލައިގެން. އެހެންވީމާ، ރައްޓެހިކަމުގެ ގުޅުމަށް ބަލާފައި ނުފޫޒު ފޯރުވިދާނެކަމުގެ އިފްތިރާލް ނެރުއްވާ ޝަރީޢަތް ނިމެންދެން ބަންދުކުރަން ޙަޤީޤަތުގައި ނިންމާފައި މި އޮންނަނީ ޝަރީޢަތްކުރުމާ ބެހޭ ޖިނާޢީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއާއި ހިލާފަށް." ވަކީލް ވިދާޅުވިއެވެ.

ވަކީލް ވިދާޅުވީ ރައްޓެހިކަން އޮތުމަކީ ނުފޫޒެއް ފޯރުވާނެ ސަބަބެއް ނޫން ކަމަށެވެ. "އިންސާނީ ޠަބީޢަތަށް ބަލާއިރު ވެސް ނުވަތަ އާއްމު ދިރިއުޅުމަށް ބެލިނަމަވެސް ކޮންމެ މީހަކީ އޭނަގެ ރައްޓެހިންނަށް ނުފޫޒު ފޯރުވާ އުޅޭނެ މީހެއް ނޫން. ނުފޫޒު ފޯރުވާ މީހުން ވެސް އުޅޭނެ. ނުފޫޒު ނުފޯރުވާ މީހުން ވެސް އުޅޭނެ. ނުފޫޒު ފޯރުވަން ބޭނުންވިޔަސް ނުފޫޒު ނުފޯރުވޭ މީހުން ވެސް އުޅޭނެ. ރައްޓެހިކަމަކީ ހަމަހަމަ ގުޅުމެއް. ރައްޓެހިކަން އޮންނާތީ އެއިން އިފްތިރާލު ނުކުރެވޭނެ ނުފޫޒެއް ފޯރުވިދާނެ ކަމަކަށް. އަދި ފާހަގަ ކޮށްލަން ބޭނުންވާ ޕޮއިންޓަކީ، 13 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގެ ދަށުން މީހަކު ބަންދުގައި ބަހައްޓަން ނިންމާއިރުގައި އޮންނަންޖެހޭނެ ކަމަށް ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްކަން ދަލާލަތު ކުރާ ކޮންމެވެސް ހެއްކެއް. ހަމައެކަނި ރައްޓެހިކަމުގެ ގުޅުން އޮތުމަކުން ނުފުދޭނެކަން." ވަކީލް ވިދާޅުވިއެވެ.

މިމައްސަލައިގައި ޝަމްއާންގެ ފަރާތުން ފާހަގަ ކުރި ވާހަކަތަކަށް ރައްދުދެމުން ދައުލަތުން ބުނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ޝަހީބް އިބްރާހިމް މައްސަލައަށް ބަލާއިރު ހެއްކަށް ނުފޫޒު ފޯރުވުމުގެ ހެއްކެއް ނެތް ނަމަވެސް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެ ކަމަށެވެ. ބަންދު ކުރުމުގައި ބަލަން ޖެހޭނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްތޯ ނުވަތަ ނޫންތޯ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ