މަޖިލީހުން ފާސްކޮށްފައިވަނީ ސްވިޑަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައިޝަތު ޝާން ޝާކިރު، ސީޝެލްސްއަށް މަސްއޫދު އިމާދު އަދި އޮސްޓްރިއާއަށް ސަލްމާ ރަޝީދު އައްޔަނުކުރުމަށެވެ.
މި ބޭފުޅުން ސަފީރުކަމަށް އައްޔަނުކުރުމާއިމެދު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ވޯޓު ގަޑީގައި ވޯޓަށް އަހާފައިވާއިރު ވޯޓުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މި ބޭފުޅުންނަށް ރުހުން ދީފައެވެ.
މިގޮތުން އައިޝަތު ޝާން ޝާކިރަކީ ޖަރުމަންވިލާތަށް ރާއްޖޭން މިހާރުވެސް ކަނޑައަޅާފައިވާ ސަފީރެވެ. އަދި މަސްއޫދު އިމާދަކީ ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރެވެ. ޑރ. ސަލްމާ ރަޝީދަކީ ޖެނިވާގައި ހުންނަ އެކުވެރި ދައުލަތުގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ.
ޚާރިޖީ ގުޅުންތަކުގެ ކޮމެޓީން ނިންމާފައިވަނީ މި ބޭފުޅުންނަކީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ، އަދި ދިވެހި ދައުލަތް ތަމްސީލުކުރުމަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ އަދި ޤާބިލުކަން ހުރި ބޭފުޅުންކަމަށެވެ.