Wednesday 23rd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑަބްލިއުއެސްސީ

ނިލަންދޫ އާނަރުދަމާގެ މަސައްކަތް މެއި މަހު ފަށައި 2026 ގައި ނިންމާނެ

މަރާމާތު ނުކުރެވުމުގެ ސަބަބުން މައްސަލަ ދިމާވެފައިވާ ފ.ނިލަންދޫ ނަރުދަމާ ނިޒާމަށް، އަންނަ އަހަރުގެ ތެރޭގައި ހައްލެއް ހޯދައިދެއްވާނެކަމުގައި އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

18 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ނިލަންދޫގެ ނަރުދަމާ ނިޒާމަށް މައްސަލަ ދިމާވެ ހައްލުކުރުމަށް އެކި ސަރުކާރުތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ރަނގަޅަށް މަރާމާތު ނުކުރެވުމުގެ ސަބަބުން، އަބަދުވެސް ނަރުދަމާގެ ކޮންމެވެސް ހިސާބަކަށް މައްސަލަ ޖެހިފައި އޮންނަކަމަށާއި، މިހާރު އެކަން ބޮއްސުންލައިގެން ގޮސް މަގުތަކަށް ނަޖިސް އަރަން ފަށާފައިވާކަމަށް ނިލަންދޫއިން ވާހަކަދެއްކި މީހަކު ބުންޏެވެ.

މި މައްސަލަ އާންމު ފަރާތަކުން ޓްވިޓާގައި ހިއްސާކުރުމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ، ނިލަންދޫގައި ގާއިމްކޮށްފައިވާ "ވެކިއުމް" ނަރުދަމާ ނިޒާމު ބެލެހެއްޓުމަކީ އެކުންފުނީގެ ސްކޯޕްގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެނގިފައިވާ ގޮތުގައި މި ނަރުދަމާ ބަލަހައްޓަމުން އަންނަނީ ފެނަކަ އިންނެވެ.

އެމްޑަބްލިއުއެސްސީން މިހާރު އަންނަނީ އެ ކުންފުނީގެ ސްކޯޕްގައި ހިމެނޭ، ޒަމާނީ ފެންވަރުގެ "ގްރެވިޓީ" ނަރުދަމާ ނިޒާމެއް ނިލަންދޫގައި ގާއިމްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.

"ޑިޒައިން މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ބިންތައް ކަނޑައެޅުމާއި، ލޭންޑް ސަރވޭ ހެދުމާއި، ޓޮޕޮގްރަފިކް ސަރވޭގެ މަސައްކަތް މިހާރުވަނީ ނިމިފައި. ޑިޒައިން ނިންމުމަށްފަހު ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީގެ ހުއްދަތަކާއި އީއައިއޭ ނިންމާ ޢަމަލީ މަސައްކަތް ރަށުގައި ފެށުމަށް ޝެޑިއުލްކުރެވިފައި ވަނީ މެއި މަހުގެ ތެރޭގައި." މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ، މިހާރު ރަށުގައި އަޅާފައިވާ ވެކިއުމް ނިޒާމްގެ ޚިދުމަތް މެދުނުކެނޑޭނެ ގޮތަކަށް މުޅިން އައު ގްރެވިޓީ ނިޒާމެއް ޤާއިމްކުރުމަކީ ގޮން ޖެހުންތަކަކާއި ކުރިމަތިވާނެ މަސައްކަތެއް ކަމަށެވެ. އައު ނަރުދަމާ ނިޒާމުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2026 ގެ ފަހުކޮޅުކަަމަށް އޭނާ ވިދާޅުވި އެވެ.

މި ލިއުމާއި ގުޅޭ