ރޯދަ މަހު ގޭބިސީތަކުގެ ފެން ބިލުތަކަށް ޑިސްކައުންޓް ދިނުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު ފެން ކުންފުނި، އެމްޑބްލިއުއެސްސީން އާންމު ކޮށްފިއެވެ.
ރޯދަ މަހު ގޭބިސީތަކުގެ ފެން ބިލުތަކަށް ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އެ ކުންފުނިން ނެރުނު ނޫސް ބަޔާނުގައި ބުނީ ރައީސްގެ ނިންމެވުމާ އެއްގޮތަށް، އަންނަ އޭޕްރީލް މަހު ގޭބިސީތަކަށް ފޮނުވާ ބިލުތައް އާންމު މަހަކާ އަޅާބަލާއިރު ބޮޑު ނުވާނެ ގޮތަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، އާންމު މަހެއްގެ ފެނުގެ މިންވަރު ކަނޑައަޅުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ، މާޗު އަދި އޭޕްރީލް މަސް ނުހިމަނައި، އެ އަހަރުގެ ބާކީ އޮންނަ 9 މަހުގެ އެވްރެޖަށް ބަލައިގެންނެވެ.
އެ ކުންފުނިން ބުނީ އޭޕްރީލް މަހަށް ތައްޔާރުކުރާ ބިލު، އާންމު މަހުގެ ބިލަށް ވުރެ ބޮޑުވާނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި އެއްކޮށް އުނިކޮށްދޭނެ ކަމަށެވެ. އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހު ފޮނުވާ ބިލުގެ 10 އިންސައްތަ އަށްވުރެ ކުޑަ މިންވަރެއް ނަމަ ޑިސްކައުންޓުގެ މިންވަރު 10 އިންސައްތައާ އެއްވަރަށް މަތިކޮށްދޭނެއެވެ.
އަދި، އާންމު މަހުގެ ބިލަށް ވުރެ އޭޕްރީލް މަހު ފޮނުވާ ބިލުގެ އަދަދު ކުޑަ ނަމަ ޑިސްކައުންޓުގެ ގޮތުގައި އޭޕްރީލް މަހު ފޮނުވާ ބިލުން 10 އިންސައްތަ އުނިކޮށްދޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ފެން ކުންފުނިން ބުނީ އޭޕްރީލް މަހު އަލަށް ބިލް ކުރާ މީޓަރުތަކަށާއި ކުރިން ރަޖިސްޓަރީ ކޮށްފައިވީ ނަމަވެސް މިހާތަނަށް ބިލް ނުކުރާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ އޭޕްރީލް މަހުގެ ބިލު ނަމަ އެ ކަސްޓަމަރުންގެ ބިލުން ވެސް 10 އިންސައްތަ އުނިކޮށްދޭނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ސުވާލެއް އޮތް ނަމަ އެސްއެމްއެސް މެދުވެރިކޮށް އެ ކުންފުނީގެ ހޮޓްލައި 105 އަށް ނުވަތަ 1050 އަށް ފޮނުވޭނެއެވެ. އަދި [email protected] އަށް މެއިލް ކުރެވޭނެއެވެ.
މި ރޯދަ މަހު ގޭބިސީތަކުގެ ފެންބިލާއި ކަރަންޓު ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ރައީސް ވަނީ ނިންމަވާފައެވެ.