މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ އެކުންފުންޏަށް 30 އަހަރު ފުރުން ފާހަގަކުރުމަށް މި އަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ގެ ހަވީރު، ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް، ގަސް އިންދުމުގެ ޕްރޮގްރާމް ގެ އިތުރުން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު އެކި އެކި ޕްރޮގްރާމް ހިމެނޭ ކަމަށެވެ.
ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ އެ ކުންފުނީގެ އެންމެ މުހިއްމު އެއް އަމާޒެވެ. އެ ގޮތުން މާލެ ސަރަހައްދުގެ އެ ކުންފުނީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމް ކޮށް، ފެން އުފެއްދުން ވަނީ ލާމަރުކަޒު ކޮށްފައެވެ.
މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާންގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމެގު މަސައްކަތްތައްވެސް ކުރެވެމުން އަންނަ ކަމަށާއި މި އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ 26 އިންސައްތަ އަދި ފެން ރައްކާކުރެވޭ މިންވަރު 28 އިންސައްތަ އަށް އިތުރުކުރެވިގެން ދާނެ ކަމަށް ބުނެފައިވެއެވެ.
އެ ކުންފުނީގެ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ތަރައްގީކޮށް، ކަސްޓަމަރުންނާއި ވީހާވެސް ގާތުން، ލުއިފަސޭހަ ގޮތެއްގައި ހިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ގިނަ މަސައްކަތްތަކެއްވެސް ކުންފުނިން އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި، 24 ގަޑިއިރު ގުޅޭ ކަސްޓަމަރ ކެއަރ ސެންޓަރުގެ ޚިދުމަތް ގާއިމްކުރުމާއި، އެމް.ޑަބްލިޔު.އެސް.ސީ ގެ ޚިދުމަތްތަކަށް އެދި އޮންލައިން ކޮށް ހުށައެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، ސްމާރޓް މީޓަރ ބޭނުންކުރަން ފެށުމާއި، އޮންލައިން ޕޯޓަލް އަދި މޯބައިލް އެޕްލިކޭޝަން އަޕްގްރޭޑްކޮށް އާ ޚިދުމަތްތަކާއެކު ތަޢާރަފްކުރުން ހިމެނެއެވެ.
ރާއްޖޭގެ އެކި އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމްކުރުމުގައި އެމް.ޑަބްލިޔު.އެސް.ސީ އިން އަންނަނީ ފާހަގަ ކޮށްލެވޭފަދަ ދައުރެއް އަދާކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުލްމަ 107 ޕްރޮޖެކްޓްގެ މަސައްކަތް ނިންމާފައިވެއެވެ. އަދި މި އަހަރު ފެނުގެ 17 ޕްރޮޖެކްޓަކާއި ނަރުދަމާގެ 15 ޕްރޮޖެކްޓަކާއި އެކު ޖުމްލަ 32 ޕްރޮޖެކްޓެއްގެ މަސައްކަތް ސަރުކާރުން ވަނީ އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްފައެވެ.